15 Dec 2015, 11:39
ކޮސޯވޯ (ޑިސެމްބަރ 15): ކޮސޯވޯ ރައްޔިތުންގެ މަޖިލީހުގައި އިއްޔެ އޮތް ބައްދަލުވުމުގައި މަޖިލިސް ތެރެއަށް ސަރުކާރާ އިދިކޮޅު ޕާޓީއަކަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ކަރުނަ ގޭސް ޖަހައިފި އެވެ.
ކޮސޯވޯގައި ދިރިއުޅޭ ސާބިއާ ނަސްލުގެ ރައްޔިތުންނަށްދޭ ބާރުތައް އިތުރުކުރުމަށް ކޮސޯވޯ ސަރުކާރުން ސާބިއާ އާ އެއްކޮށް ހަދާފައިވާ އެއްބަސްވުން އުވާލުމަށް ސަރުކާރަށް ޕްރެޝަރު ކުރުމުގެ ގޮތުން މަޖިލިސް ތެރެއަށް އިދިކޮޅު މަޖިލިސް މެމްބަރުން އެއްލި ކަރުނަ ގޭސް ދެ ކެނިސްޓަރުގެ ސަބަބުން މަޖިލިސްގެ ހުރިހާ މެމްބަރުން ޖެހުނީ މަޖިލިސް ތަޅުން ދޫކޮށް ނިކުންނަވާށެވެ.
އޭގެ ފަހުން މަޖިލިސް އިމާރާތުގެ އެހެން ތަނެއްގައި މަޖިލިސް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރުމުން ވެސް އިދިކޮޅު ފަރާތްތަކުން ވަނީ އެތަނަށް ކަރުނަ ގޭސް ޖަހައިފަ އެވެ. ނަމަވެސް، އިދިކޮޅު ފަރާތްތައް ބޭރުކުރުމަށް ފަހު ވެރިކަން ކުރާ ކޯލިޝަންއަށް ނިސްބަތްވާ ފަރާތްތަކުން ވަނީ މަޖިލީހުގެ އެދުވަހުގެ އެޖެންޑާ ފުރިހަމަ ކުރައްވައިފަ އެވެ.
ސަރުކާރާ އިދިކޮޅު ޕާޓީއެއް ކަމަށްވާ އެލައަންސް ފޯ ކޮސޯވޯސް ފިއުޗާ އިން ބުނީ އެ މައްސަލައާ ގުޅިގެން އެ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފާއިތުވި ތިން މަސްތެރޭގައި އެލައަންސް ފޯ ކޮސޯވޯސް ފިއުޗާ އިން ވަނީ މަޖިލިސް ހުއްޓުވުމަށްޓަކައި ކަރުނަ ގޭހާއި، ޕެޕާ ސްޕްރޭ އާއި، ފެންފުޅި ބޭނުން ކޮށްފަ އެވެ. އަދި އެ އެލައަންސަށް ތާއިދުކުރާ ފަރާތްތަކުން ވަނީ މަޖިލިސް ބޭރުގައާއި ކޮސޯވޯގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ކޮށްފަ އެވެ.
ކޮސޯވޯގެ ރައްޔިތުންގެ މަޖިލިސް ކައިރީގައި އިދިކޮޅު ޕާޓީއަށް ތާއިދު ކުރާ 150 ވަރަކަށް މީހުން އިއްޔެ ބޭއްވި މުޒާހަރާގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މުޒާހަރާގެ ބައިވެރިން ވަނީ މަޖިލިސް އިމާރާތަށް ކުލަ ޖަހައި، ގާ ވެސް އުކި އެވެ.
ސާބިއާ އިން ވަކިވެ، ކޮސޯވޯ މިނިވަން ދައުލަތަކަށްވީ 2008ގައި އެވެ.
މައުލޫމާތު: އޭޕީ