15 Dec 2015, 10:17
މިދިޔަ އަހަރު މެލޭޝިޔާ ލީގްގައި ކުޅުނު އެންމެ މޮޅު ބިދޭސީ ކުޅުންތެރިއާގެ އެވޯޑް ހޯދާފައިވާ ގައުމީ ކެޕްޓަން އަލީ އަޝްފާގު(ދަނގަޑޭ) މި އަހަރު ވެސް އެ އެވޯޑަށް ސޯޓްލިސްޓް ކޮށްފި އެވެ.
މެލޭޝިއާގެ ފުޓްބޯޅަ އިދާރާ އިން 2013 ވަނަ އަހަރުން ފެށިގެން ހޮވަމުން އަންނަ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއާގެ އެވޯޑް ދަނގަޑޭ 2014 ވަނަ އަހަރު ހޯދީ އޭނާ ކުޅެމުންއަންނަ ޕީޑީއާރުއެމް އެގައުމުގެ ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަންގެ ސުޕަލީގަށް ގެނެސް ދިނުމުގައި އޭނާގެ ފަރާތުން ފެނުނު މޮޅު ކުޅުމުގެ ސަބަބުންނެވެ.

އަލީ އަޝްފާގް(ދަގަނޑޭ): އޭނާ ވަނީ މިދިޔަ އަހަރުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއާގެ އެވޯޑް ހޯދައި މިއަހަރު އެ އެވޯޑަށް ސޯޓްލިސްޓް ކުރެވިފައި ---
ދަނގަޑޭގެ އިތުރުން ދެން އެ އެވޯޑަށް ވާދަކުރަނީ ލީގް ކާމިޔާބު ކުރި ޖޯހަރު ޑީޓީ އަށް 12 ގޯލް ކާމިޔާބުކޮށްދީފައިވާ ފިގުއޭރޯ އާއި ލީގްގެ ދެވަނަ ހޯދި ޕެހްނާބް އެފްސީއަށް އަށް ގޯލް ކާމިޔާބުކޮށްދިން ވަކައެމާގެ އިތުރުން ލީގްގެ ހަ ވަނާގައި އޮތް ޕީޑީއާރު އެމް އަށް 10 ގޯލްޖަހައި ދެވަނަ އަށް އެ ޓީމަށް އެންމެ ގިން ގޯލް ޖަހައިދީފައިވާ ހުނަރުވެރި ފޯވާޑް އަލީ އަޝްފާގް އެވެ.
މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އައި ޕީޑީއާރުއެމް ސިޒަން ނިމެން އުޅެނިކޮށް ދިމާވި ތަފާތު އެކި މައްސަލަތަކުގެ ސަބަބުން ވަނީ ގިނަ މެޗްތަކަކުން ބަލިވެ، ލީގް ނިއްމާލަން ޖެހުނީ ހަ ވަނާގައި އޮވެގެންނެވެ. އެ ޓީމަށް ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ބައެއް ކުޅުންތެރިން މެޗް ވިއްކާލުމުގެ ތުހުމަތެވެ. އެގޮތުން އެ ކުޅުންތެރިން ވަނީ ސްކޮޑުން ވެސް ބޭރު ކޮށްފަ އެވެ.
މިހާރު ގައުމީ ޓީމާ އެކު މޭލޭޝިއާގައި އިތުރު ތަމްރީންތަށް ފުރުހަމަ ކުރަމުންދާ ދަނގަޑޭއަށް އެ އެވޯޑް ދިނުމުގެ ހަފްލާގައި ބައިވެރިވުމުގެ ފުރުސަތި ވަނީ ހުޅުވިފަ އެވެ. އެއީ އެ ރަސްމިއްޔާތު އޮންނާނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

އަލީ އަޝްފާގުއަލީ އަޝްފާގް(ދަގަނޑޭ): މި ސަރަހައްދުގައި ހުރި އެންމެ ނުރައްކާތެރި ފޯވާޑް އަދި ސާފް ޗެމްޕިއަންޝިޕްގެ ވެސް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާ ---
ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅި ފުޓްބޯޅާ ކުޅުންތެރިއާ ދަނގަޑޭ ވަނީ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ އެވޯޑް ފަސް ފަހަރު ހޯދައި އެންމެ ގިނަ ގޯލްޖެހައިގެން ހަ ފަހަރު ރަން ބޫޓް ވެސް ހޯދާފަ އެވެ.
ރާއްޖޭގެ އިތުރުން ދަނގަޑޭ އަކީ ދެކުނު އޭޝިއާ ސަރަހައްދުގައި ވެސް އުފެދުނު އެންމެ މޯޅު ކުޅުންތެރިއާކަމަށް ގިނަ ބަޔަކު ގަބޫލްކުރެ އެވެ. އެގޮތުން ދެކުނެ އޭސިއާ ސަރަހައްދުގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕްގައި 14 ލަނޑު ޖަހައިގެން އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއާގެ ޝަރަފް ވެސް ލިބެނީ އޭނާ އަށެވެ.