ރިޔާޒް (ޑިސެމްބަރު 15) : ޓެރަރިޒަމާ ހަނގުރާމަ ކުރުމަށް ޓަކައި ސައޫދީ އަރަބިޔާގެ ކޮމާންޑްގެ ދަށުން 34 އިސްލާމީ ގައުމަކުން އަސްކަރީ އެލަޔަންސެއް އެކުލަވާލައިފިކަން ސައޫދީ ސަރުކާރުން އިޢްލާންކޮށްފި އެވެ.

ސައޫދީ ސަރުކާރުން ރޭ ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައި ވަނީ އެގައުމުގެ ކޮމާންޑްގެ ދަށުން އަސްކަރީ އެލަޔަންސެއް އެކުލަވާލުމުގެ ބަޔާނުގައި އިސްލާމީ 34 ގައުމެއްގެ ސަރުކާރުތަކުން ރަސްމީ ސިފައެއްގައި ސޮއިކޮށްފައިވާ ކަމުގަ އެވެ. މިކަން ކޮށްފައި ވަނީ ފާއިތުވި 72 ގަޑިއިރު ތެރޭގައި ކަމަށް ވެސް މިބަޔާން ބުނެއެވެ. އެ އަސްކަރީ އެލަޔަންސްގައި ބައިވެރިވާ ގައުމުތަކުގެ ތެރޭގައި ސައޫދީ އަރަބިޔާ، އުރުދުން، ޔޫއޭއީ، ޕާކިސްތާން، ބަހްރައިން، ބަންގްލަދޭޝް، ބެނިޔަން، ތުރުކީ، ޓޯގޯ، ޖިބޫތީ، ސެނެގޯލް، ސޫދާން، ސިރަލިޔޯން، ސޮމާލިޔާ، ގެބޯން، ގިނީ، ފަލަސްތީން، ކޮމޯރޯސް، ގަތަރު، ކުވައިތު، ލުބްނާން، ލީބިޔާ، ދިވެހިރާއްޖެ، މެލޭޝިޔާ، މިސްރު، މާލީ، މޮރޮކޯ، މޮރޮޓޭނިޔާ، ނައިޖަރު، ނައިޖީރިޔާ، ޔަމަން، އަދި ޗާޑް ފަދަ ގައުމުތައް ހިމެނެ އެވެ.
މީގެ އިތުރުން ވެސް އާބާދީގައި މުސްލިމުން ގިނަ މުސްލިމް ނޫން ބައެއް ކުދި ގައުމުތައް ވެސް މި އެލަޔަންސްގައި ހިމެނޭކަމަށް ސައޫދީ ސަރުކާރުގެ ބަޔާން ބުނެ އެވެ. ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ގައުމު ކަމަށްވާ އިންޑޮނީޝިޔާއާއި މެދުތެރޭ އޭޝިޔާގެ އިސްލާމީ ޖުމްހޫރިއްޔާތައް ކަމަށްވާ ކަޒަޚިސްތާން ކިރްގިސްތާން ފަދަ ގައުމުތައް މިއެލަޔަންސްގައި ބައިވެރި ނުވިނަމަވެސް އެގައުމުތަކުގެ އެއްބާރުލުން މިއެލަޔަންސަށް ލިބޭނެކަން ސައޫދީ ގެ ބަޔާނުގައި ހާމަކޮށްފައިވެ އެވެ.

އެބަޔާނުގައި، އަސްކަރީ އެލަޔަންސެއް އެކުލަވާލައިގެން ޓެރަރިޒަމާ ހަނގުރާމަ ކުރުމަކީ މިހާރުކަންތައްތައް ހުރިގޮތުން އިސްލާމީ ގައުމުތަކަށް ކުރަން ކޮންމެހެން ޖެހިފައިވާ ކަމެއްކަމަށާ މި އެލަޔަންސް އެކުލަވާލީ ކީރިތީ ގުރްއާނާއި އިސްލާމީ ޝަރީޢަތުގެ އަލީގައި ކަމަށް ވެސް ބުނެފައިވެ އެވެ. މިގޮތުން މިއެލަޔަންސް އެކުލަވާލީ ހެޔޮކަންތައްތަކާއި ތަގްވާވެރިކަމަށް ޓަކައި އެންމެން އެއްބާރުލައިގެން ގުޅިގެން މަސައްކަތް ކުރުމަށާއި ފާފަތަކާއި އުދުވާނަށް އެއްބާރުލުން ނުދިނުމަށް ކީރިތި ގުރްއާނުގައި މާތް ﷲ ސުބްހާނަހޫ ވަތައާލާ އަންގަވާފައިވާ އެންގެވުންތަކާ އެއްގޮތަށް ކަމަށްވެސް ސައޫދީ ސަރުކާރުގެ ބަޔާން ބުނެ އެވެ.
ސައޫދީ ބަޔާން ބުނާގޮތުން މިއެލަޔަންސްގެ މަރުކަޒު ހުންނާނީ ޖިއްދާގަ އެވެ. އެލަޔަންސްގެ ގުޅިފައިވާ އަސްކަރީ ކޮމާންޑް ލީޑް ކުރާނީ ޖިއްދާގައި ހުންނަ މައި މަރުކަޒުން ސައޫދީ އަރަބިޔާ އިން ކަމަށްވެސް ބުނެފައިވެ އެވެ. ސައޫދީ އަރަބިޔާއަކީ އައިއެސް ޖަމާއަތާ ހަނގުރާމަ ކުރުމުގެ ނަމުގައި އެމެރިކާ އެކުލަވާލާފައިވާ ކޯލިޝަންގައި ވެސް ހިމެނޭ ގައުމެކެވެ. އަދި ސައޫދީ އަރަބިޔާއަކީ ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގރާމައިގެ ތެރެއަށް ނުސީދާ ގޮތެއްގައި ވަދެފައިވާ އަދި ޔަމަންގެ ސަރުކާރާއި އެގައުމުގެ ހޫޘީ ޖަމާއަތާ ދެމެދު ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ސީދާގޮތެއްގައި ވަދެ ހަނގުރާމަ ކުރަމުން ގެންދާ ގައުމެކެވެ.

މީގެ އިތުރުން މިސްރުގެ އިސްލާމީ ފިކުރުގެ ރައީސް ޑރ. މުހައްމަދު މުރުސީގެ ވެރިކަން ވައްޓާލުމަށް އަބްދުލްފައްތާޙް އައްސީސީ ގެންނެވި އަސްކަރީ އިންގިލާބަށް ތާއީދު ކުރުމާއި ލުބްނާނުގެ ދާޚިލީ އަރާރުންތަކުގެ ތެރެއަށާއި ލީބިޔާގެ ދާޚިލީ އަރާރުންތަކުގެ ތެރެއަށްވެސް ސައޫދީންގެ އަމިއްލަ މަސްލަހަތު ޙިމާޔަތް ކުރުމަށް ޓަކައި ނުސީދާ ގޮތެއްގައި ސައޫދީ އަރަބިޔާއިން ވަދެފައިވެ އެވެ.

ސައޫދީ އިސްކޮށް އޮވެގެން އެކުލަވާލި އެލަޔަންސަކީ އެގައުމާއި އީރާނާ ދެމެދު މިހާރު ހިނގަމުންދާ ވާދަވެރިކަމާއި ފިނި ހަނގުރާމައާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއްކަމަށްވުން ގާތްކަމަށް މުރާސިލުން ބުނެ އެވެ. ސޫރިޔާއާއި ލުބްނާނާއި ޔަމަނާއި އިރާގު ފަދަ ގައުމުތަކުގައި ހިނގަމުންދާ ދާޚިލީ އަރާރުންތަކާއި ބައިބައިވުންތަކާއި ތަޅާފޮޅުންތަކުގެ ފަހަތުގައިވަނީ އީރާނާއި ސައޫދީ އަރަބިޔާގެ ކޯޅުންގަނޑު ކަމަށް މުޙައްލިލުން ވިދާޅުވެ އެވެ. މިދެ ގައުމުގެ ކޯޅުންތަކަކީ ސުންނީ ޝިޔައީ މަޛްހަބީ ކޯޅުންތަކަށްވުރެ ބޮޑަށް އެދެގައުމުގެ އަމިއްލަ މަސްލަހަތުތަކާއި ސިޔާސީ ބޭނުންތަކާ ގުޅިފައިވާ ކަމެއްކަމަށް ވެސް ވަނީ ބެލެވިފައެވެ. (ނޫސްއެޖެންސީތައް)