ސާފް ސުޒުކީ ކަޕަށް ތައްޔާރުވުމަށް މިހާރު މެލޭޝިޔާގައި ތަމްރީން ހަދަމުންދާ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން 2-5ގެ ނަތީޖާ އަކުން ބަލިވެއްޖެ އެވެ.

އިއްޔެ ކުޅުނު އެ މެޗުގައި 29 ކުޅުންތެރިންގެ ސްކޮޑްގައި ހިމެނޭ ގިނަ ކުޅުންތެރިންތަކަކަށް ކޯޗު ރިކީ ހާބަޓް ފުރުސަތު ދީފައިވާ ކަމަށް އެފްއޭއެމް ބުނެ އެވެ. އެ ގޮތުން ކޮންމެ ހާފެއްގައި ވެސް އަރުވާފައި ވަނީ ތަފާތު 11 ކުޅުންތެރިން ކަމަށް އެފްއޭއެމްގެ މީޑީއާ ކީޑިނޭޓަރު ސިމާޒް އަލީ ވިދާޅުވި އެވެ.

ގައުމީ ޓީމް މެލޭޝިއާއަށް ފުރުމުގެ ކުރިން މާލޭގައި ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން --- ސަން ފޮޓޯ: އަލީ ނަސީރު

ގައުމީ ޓީމު މިދިޔަ އާދީއްތަ ދުވަހު މެލޭޝިއާއަށް ގޮސް ޖެހިގެން އައި ދުވަހު މެޗު ކުޅުމުން ކުޅުން ތެރިންގެ ފަރާތުން ކޮންމެވެސް ވަރަކަށް ވަރުބަލިކަން ފެނުނު ކަމަށާއި އެހެން ނަމަވެސް އެ ކުޅުންތެރިންގެ ފަރާތުން އެކަށީގެންވާ ރަނގަޅު ކުޅުމެއް ފެނިފައިވާ ކަމަށް ވެސް ސިމާޒް ވިދާޅުވި އެވެ.

ގައުމީ ޓީމާ ދެކޮޅަށް ނިކުއިން ޔޫއައިޓީއެމް އަކީ މި އަހަރުގެ މެލޭޝިއާ ޕްރިމިއާ ލީގުގެ ތާވަލުގެ އަށް ވަނާގައި އޮތް ޓީމެވެ. ކުރިން ފަސް މެޗު ކުޅެން ނިންމާފަވީ ނަމަވެސް މިހާރު ކުޅޭނީ ހަތަރު މެޗެވެ. އަނެއް ތިން މެޗް ކުޅެވޭނީ ބުދަ، ބުރާސްފަތި އަދި ހުކުރު ދުވަހު އެވެ.

މެލޭޝިޔާއަށް ފުރުމުގެ ކުރިން މީޑިއާތަކަށް މައުލޫމާތުދެމުން ގައުމީ ޓީމުގެ ކޯޗު ރިކީ ހާބަޓް ބުނެފައި ވަނީ ޓީމުގެ ކުޅުންތެރިން މިދިޔަ ހަފުތާއެއްހާ ދުވަހު މާލޭގައި ވަރަށް ބުރަކޮށް ތަމްރީންތައް ހަދާފައިވާ ކަމަށާއި ދެން އޮތީ މެލޭޝިއާގައި ތަމްރީން މެޗުތައް ކުޅެ ކުޅުންތެރިންނާއި ޓީމު ޓެސްޓްކުރުން ކަމަށެވެ. ކޯޗު ބުނީ ގިނަ ކުޅުންތެރިންތަކެއް ތިބި ސްކޮޑަކުން އޭނާ ބޭނުންވާ ފެންވަރުގެ ރަނގަޅު ޓީމެއް ނަގަން ފަސޭހަ ވާނެ ކަމަށާއި އަދި ޒުވާން ގިނަ ކުޅުންތެރިން ތަކެއް ހިމެނިފައިވާތީވެ މުސްތަގްބަލްގައި ރަނގަޅު ޓީމެއް އުފައްދަން ވެސް ފަސޭހަ ވާނޭ ކަމަށެވެ.

ގައުމީ ފުޓްބޯޅަ ޓީމް މެލޭޝިއާއަށް ފުރުމުގެ ކުރިން އެފްއޭއެމްގެ އިސް ވެރިންނާއި ސަލާމް ކުރަނީ --- ސަން ފޮޓޯ: އަލީ ނަސީރު

މެލޭޝިއާގައި ތަމްރީންތައް ފުރިހަމަ ކުރުމަށް ފަހު ގައުމީ ޓީމު އެނބުރި މާލެ އަންނާނީ މިމަހުގެ 20 ވަނަ ދުވަހު އެވެ. އަދި 23 ވަނަ ދުވަހު ފަށާ ސާފް ސުޒުކީ ކަޕަށް ގައިމީ ޓީމްގެ ފައިނަލް ސްކޮޑާ އެކު އޭގެ ކުރިން ދުވަހު އިންޑިއާގެ ޓްރެވެންޑްރަމަ އަށް ފުރާނެ އެވެ.

އެ މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު އޮންނާނީ 24 ވަނަ ދުވަހު ބޫޓާނާ ދެކޮޅަށެވެ.