14 Dec 2015, 22:36
ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖުތަކަށް ހިލޭ އިންޓަނެޓު ގުޅައިދިނުމުގެ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.
ދިރާގުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދުތަކުގައި ދިރާގުގެ އިންޓަނެޓު ހިދުމަތްތަކަށް އެދޭ ފަރާތްތަކަށް ހިލޭ އިންޓަނެޓު ގުޅައިދިނުމުގެ ޕްރޮމޯޝަނެއް މި މަހުގެ 31 ގެ ނިޔަލަށް އެ ކުންފުނިން ކުރިއަށް ގެންދާނެ ކަމަށެވެ.
ދިރާގުން ބުނީ އެ ޕްރޮމޯޝަނުގައި އޭޑީއެސްއެލް އަދި ފައިބާ ބްރޯޑްބޭންޑު އެދޭ ފަރާތްތަކަށް ވެސް އިންޓަނެޓު ގުޅައިދޭނީ ހިލޭ ކަމަށެވެ.
އެ ޕްރޮމޯޝަން ފެށުމުގެ ގޮތުން ދިރާގުގެ މެނޭޖަރު، މާކެޓިން ބްރޯޑްބޭންޑު އެންޑު ޑޭޓާ ސާވިސަސް، މުހައްމަދު ފާހިރު ވިދާޅުވީ އެ ޕްރޮމޯޝަން ބޮޑަށް އަމާޒުކޮށްފައި ވަނީ އަލަށް ދިރާގުގެ ބްރޯޑް ބޭންޑުގެ ހިދުމަތްތައް ބޭނުންވާ ފަރާތްތަކަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށެވެ.
"ދިރާގުން ފޯރުކޮށްދޭ އިންޓަނެޓު ޕެކޭޖުތަކުގެ ތެރޭގައި 2 އެމް އަންލިމިޓެޑން ފެށިގެން ގޮސް 1 ޓީބީ އެލަވަންސާއި އެކު 100 އެމްބީޕީއެސްގައި ދިރާގުގެ އިންޓަނެޓު ހިދުމަތް މިހާރު ލިބޭނެ." ދިރާގުން ބުންޏެވެ.