(10ޑިސެމްބަރުގެ ބަޔާގުޅޭ)

ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވި ސާހިބާأمّ المؤمنين السّيّدة سودةއާ ކާވެނިބައްލަވައިގެންނެވިއިރު، އެކަމަނާގެ ޢުމުރުފުޅަކީ ފަންސާސް އަހަރުފުޅެވެ. އެކަމަނާއަކީ އިސްކޮޅުފުޅު ދިގު، ސަމައްތަރުފުޅު ހެޔޮ ބޭކަނބަލެކެވެ. ޢާއްމުކޮށް ކާވެނީގެ ދަޢުވަތު ލިބުމުގައި ސަބަބަކަށްވާފަދަ ރީތިފުޅުކަމެއްވެސް، ޒުވާންފުޅުކަމެއްވެސް އަދި މުއްސަނދިފުޅުކަމެއްވެސް އެކަމަނާގެ ފަރާތްޕުޅަކު ނެތެވެ. އެކަމަނާއަކީ ގިނިކަންޏާ، ތުއްޕުޅު ބޭފުޅުންކޮޅެއް ބައްލަވަމުން ގެންދެވި ބޭކަނބަލެކެވެ. އެކަމަނާގެ ކުރީގެ ފިރިކަލުންގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި ދަރިކަލުންعبدالرّحمنއާއި، އެކަމަނާއާ އެއްބައްޕާފުޅު ތުއްޕުޅު ބޭފުޅަކާއި، އަވަހާރަވި ފިރިކަލުންގެ ތިމާގެފުޅު ތުއްޕުޅު ތިންބޭފުޅަކު، އެކަމަނާގެ ބެއްލެވުމުގެ ދަށުގައި ތިއްބެވިއެވެ. އެހެންކަމުން، ކައުސާހިބާصلّى اللّـه عليهوسلّم،السّيّدة سودةއަށް އެފުރުޞަތު ދެއްވީ، އެކަމަނާއަށް އެހީތެރިވެވަޑައިގެންނެވުމުގެ ގޮތުންނެވެ. މިކާވެނިފުޅާމެދު ޤުރައިޝުން ކުރާނެ ފުރައްސާރަޔަކަށް ކުޑަވެސް ފަރުވާލެއް ނުބަހައްޓަވައެވެ.

އިތުރު ސާހިބާގެ ޚިދުމަތުގައި

أمّ المؤمنينالسّيّدة سودة رضى اللّـه عنــهاއިތުރު ސާހިބާގެ ގަނޑުވަރަށް ބަދަލުވެވަޑައިގަތުމަށްފަހު، އެކަމަނާގެ ކޮންމެ ދުވަހަކާއި ކޮންމެ ރެޔެއް ފާއިތުވަމުންދިޔައީ، ހިތްޕުޅު ހަމަޖެހިވަޑައިގަތުމާއި، އުފާފާގަތިކަމުގައެވެ.أمّ المؤمنينއެކަމަނާގެ ނަސީބުފުޅާމެދު ފަޚުރުވެރިވެ ވަޑައިގެންނެވިއެވެ. މުސްތަޤުބަލާމެދު އެކަމަނާގެ ހިތްޕުޅުގައި ހަމަޖެހުމާއި ޔަޤީންކަން އޮތެވެ.

ކައުސާހިބާ ބޭރުން ގަނޑުވަރަށް ވަޑައިގެން އެކަމަނާގެ އަރިހުގައި އިށީނދެވަޑައިގަތުމުން، އެކަމަނާ ޙަބަޝާގައި ހޭދަކުރެއްވި ދުވަސްވަރުގެ ވާހަކަ، ބައެއްފަހަރަށް ވިދާޅުވެދެއްވައެވެ. އިތުރު ސާހިބާ ވަރަށް ބޮޑަށް ސަމާލުކަން ދެއްވައިގެން، އެވާހަކަފުޅުތައް އަޑުއައްސަވައެވެ. ޚާއްޞަކޮށް ކައުސާހިބާގެ ލޮބުވެތި ދަރިކަނބަލުންالسّيّدةرقيّـةއާއި، ދަނބިދަރިކަލުންعثمانرضى اللّـه عنــهއާ ބެހޭ ވާހަކަތައް، ވަކީންބޮޑަށް ޝައުޤުވެރިވެވަޑައިގެން އަޑުއައްސަވައެވެ.

އެދުވަސްވަރު، އިތުރު ސާހިބާ ހުންނެވީأمّ المؤمنين السّيّدة خديجة الكبرىގެ ގެކޮޅުގައެވެ. އިތުރު ސާހިބާގެ ދެދަރިކަނބަލުން ކަމުގައިވާالسّيّدة أمّ كلثوم رضى اللّـه عنــهاއާއި،السّيّدة فاطمة الزّهراء رضى اللّـه عنــهاއާ ދެބީނުންވެސް ތިއްބަވަނީ އެގެކޮޅުގައެވެ.

أمّ المؤمنينالسّيّدة سودةއާއިالسّيّدة رقيّـة بنت رسول اللّـهއާ ދެބޭކަނބަލުން ވަނީ ޙަބަޝާގައި ތިއްބެވި ދުވަސްވަރު ތަޢާރުފްވެވަޑައިގެން ރަޙްމަތްތެރިކަމުގެ ގުޅުމުން ގުޅިވަޑައިގެންފައެވެ.السّيّدة رقيّـة رضى اللّـه عنــهاޙަބަޝާއިން އެނބުރި މައްކާއަށް ވަޑައިގަތީ، އިތުރު ސާހިބާصلّى اللّـه عليهوسلّمالسّيّدة سودةއާ ކާވެނިބައްލަވައިގެންނެވި ފަހުންނެވެ.

السّيّدة رقيّـة رضى اللّـه عنــهاޙަބަޝާއިން މައްކާއަށް އެނބުރިވަޑައިގެން ގަނޑުވަރަށް ވަޑައިގަތުމާއެކު،السّيّدة رقيّـةއާއި،السّيّدة أمّ كلثومއާއި،السّيّدة فاطمةއަށް ލިބިވަޑައިގަތީ އުފާފުޅާއި ހިތާމަފުޅު އެކުވެފައިވާ ޝުޢޫރުތަކެކެވެ. ދިގުމުއްދަތަކަށްފަހު ތިންބީނުން ބައްދަލުވެވަޑައިގަތުމުގެ އުފާފުޅެވެ. މައިކަނބަލުންالسّيّدة خديجة الكبرى رضى اللّـه عنــهاއަވަހާރަވެފައިވާކަމުގެ ހިތާމަފުޅެވެ. އެވަގުތު އެމާތް ތިންބީނުން، މައިކަނބަލުންނަށްޓަކައި ކަރުނަފޮދު އޮހޮރުއްވިއެވެ.

أمّ المؤمنين السّيّدة سودة رضى اللّـه عنهاއަވަސްއަވަހަށް ވަޑައިގެން ނުހަނު ލޯބިފުޅުންالسّيّدة رقيّـةއެކަމަނާގެ މޭފުޅާއެކު ބޮނޑިކޮށްލެއްވިއެވެ. އެދެބޭކަލުން ޙަބަޝާގައި ތިއްބެވިއިރު ދެބޭކަލުންގެ މެދުގައި މިބާވަތުގެ ތިމާގެފުޅުކަމުގެ ގުޅުމެއް ޤާއިމުވެދާނެކަމަކަށް އެއިން އެއްވެސް ބޭކަލަކަށް ކުޑަކޮށްވެސް ޚިޔާލުފުޅުވެސް ކޮށްލެއްވިފައެއް ނެތެވެ. މިހާރުالسّيّدة رقيّـةގެ ކުރިފުޅުމަތީގައިالسّيّدة سودةއެހުންނެވީ އެކަމަނާގެ ލޮބުވެތި ދޮންމަންމާފުޅުގެ ސިފައިގައެވެ.السّيّدة سودة،السّيّدة رقيّـةގެ އަރިހުގައި އަރާމުކޮށްލައްވާން ވިދާޅުވިއެވެ. ދަތުރުފުޅުގެ ވަރުބަލިފުޅުކަން ފިލުއްވައި ލެއްވުމަށްޓަކައެވެ. ކައުސާހިބާصلّى اللّـه عليهوسلّمއަށް ލޮބުވެތި ދަރިކަނބަލުންނާއި، ދަނބިދަރިކަލުން ފެނިވަޑައިގަތުމުން މިންނެތްފަށުން އުފާފުޅުކުރެއްވިއެވެ.

أمّ المؤمنين السّيّدة سودة بنت زمعةرضى اللّـه عنــهاކައުސާހިބާصلّى اللّـه عليهوسلّمދެކެ ވަރަށްބޮޑަށް ލޯބިފުޅުވެއެވެ. އިތުރު ސާހިބާގެ ގަނޑުވަރުގެ ހުރިހާ ކަމެއް، ނުހަނު ފަރުވާތެރިކަމާއެކު ބަލަހައްޓަވައިދެއްވިއެވެ. އިތުރު ސާހިބާގެ ތުއްޕުޅު ދެދަރިކަނބަލުން ގެންގުޅުއްވައި ތަރުބިޔަތު ކުރެއްވުމުގައި ވަރަށް ހީވާގިފުޅުވެ ވަޑައިގެންނެވިއެވެ. އެކަމަނާއަކީ ގެ ހިންގެވުމުގައި ވަރަށް ފާޑުހުރި، ގެވެހި ބޭކަނބަލެކެވެ. އެކަމަނާ އިތުރު ސާހިބާއަށް ވަރަށް ފުރިހަމަޔަށް ޚިދްމަތް ކުރެއްވިއެވެ. އިތުރު ސާހިބާގެ ހިތްޕުޅުގައިވާ ހިތާމަފުޅާއި މޮޅިފުޅުކަން ފިލުއްވުމަށް، އޯގާވެރިކަމާއެކު ބާރު އެޅުއްވިއެވެ.

މަދީނާއަށް ހިޖުރަކުރެއްވުން

ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާصلّى اللّـه عليهوسلّم،أمّ المؤمنين السّيّدة سودةއާ ކާވެނިބައްލަވައިގެންނެވިފަހުން، ތިން އަހަރެއްހައި ދުވަހު މައްކާގައި ދިރިއުޅުއްވިއެވެ. އެއަށްފަހު އެމާތް ސާހިބާއަށް ހިޖުރަކުރެއްވުމުގެ އިލާހީ އަމުރުފުޅު ލިބިވަޑައިގެންފިއެވެ. އިތުރު ސާހިބާصلّى اللّـه عليهوسلّمގެ ހިޖުރައިގެ ދަތުރުފުޅުގައި، އަރިހުގައި ބައިވެރިކުރެއްވީ،أبوبكر الصّدّيق رضى اللّـه عنهއެވެ. އެދެބޭކަލުންވެސް މަދީނާއަށް ދަތުރުފުޅު ކުރެއްވީ، އަހުލު ޢިޔާލުން މައްކާއަށް ދޫކުރައްވައިފައެވެ.

މަދީނާއަށް ވަޑައިގެން ހަމަޖެހިވަޑައިގަތުމަށްފަހު، އިތުރު ސާހިބާصلّى اللّـه عليهوسلّمއެކަލޭގެފާނުގެ އަހުލު ޢިޔާލުން ބައްލަވައި،زيد بن حارثة رضى اللّـه عنهއާއި،أبورافع رضى اللّـه عنهމައްކާއަށް ފޮނުއްވިއެވެ.أمّ المؤمنينއެކަމަނާގެ ދޮންދަރިކަނބަލުން ކަމުގައިވާالسّيّدة أمّ كلثومއާއިالسّيّدة فاطمة الزّهراءގޮވައިގެން އެބޭކަލުންގެ އަރިހުގައި މަދީނާއަށް ވަޑައިގެންނެވިއެވެ.

ބައެއް ރިވާޔަތްތަކުގައިވާ ގޮތުން،السّيّدة سودةމަދީނާއަށް ވަޑައިގެން ފައިބައިވަޑައިގެންނެވީأبو أيّوب الأنصارى رضى اللّـه عنهގެ ގެކޮޅަށެވެ. ކައުސާހިބާ އޭރު ހުންނެވީ އެ ގެކޮޅުގައެވެ. ނަމަވެސް ބައެއް އެހެނިހެން ރިވާޔަތްތަކުގައިވާ ގޮތުން، އަލްމަސްޖިދުއްނަބަވީއާ އިންވެގެން އިތުރު ސާހިބާގެ އަހުލުބައިތުންނަށްޓަކައި ހެއްދެވި ކޮޓަރިކޮޅުތައް އޭރު ހުރީ ނިމިފައެވެ. އެހެންކަމުން، އިތުރު ސާހިބާގެ އަހުލުބައިތުން ފައިބައިވަޑައިގަތީ، އެ ކޮޓަރިކޮޅުތަކަށެވެ. މި މައްސަލައާ ގުޅޭގޮތުން އިތުރު އެހެން ރިވާޔަތެއްވެސް އޮވެއެވެ. އެ ރިވާޔަތުގައިވާ ގޮތުން، ކައުސާހިބާގެ އަހުލުބައިތުން ފައިބައިވަޑައިގަތީ،حارثة بن نعمان رضى اللّـه عنهކައުސާހިބާގެ އަހުލުބައިތުންނަށްޓަކައި ވެދުންކުރެއްވި ގެކޮޅަކަށެވެ.

އިތުރު ސާހިބާصلّى اللّـه عليهوسلّمގެ ޠާހިރު އަނބިއަނބިކަނބަލުންގެ ތެރެއިންأمّ المؤمنين السّيّدة خديجة الكبرى رضى اللّـه عنهاފިޔަވައި، އިތުރު ސާހިބާގެ ޞުޙުބަތުގައި އެންމެ ދިގުމުއްދަތެއް ހޭދަކުރެއްވުމުގެ ނަސީބު ލިބިވަޑައިގަތީ،السّيّدة سودةއަށެވެ. އެކަމަނާ ގާތްގަނޑަކަށް ސާދަވަރަކަށް އަހަރު، އިތުރު ސާހިބާގެ އަނބިކަނބަލެއްގެ މަޤާމުގައި އިންނެވިއެވެ.

السّيّدة سودةއާއިالسّيّدة عائشة رضى اللّـه عنهاއާ ދެބޭކަނބަލުންނާ އިތުރު ސާހިބާ ކާވެނިބެއްލެވީ ދާދިއެކުއެކީގައެވެ. ނަމަވެސް،السّيّدة عائشة رضى اللّـه عنهاއިތުރު ސާހިބާގެ ގެކޮޅަށް ވަޑައިގަތީ، މަދީނާއަށް ހިޖުރައަށް ވަޑައިގަތުމަށްފަހުގައެވެ. ހިޖުރައިން އެއްވަނަ އަހަރުއެވެ.

أمّ المؤمنين السّيّدة عائشة رضى اللّـه عنهاއަކީ،السّيّدة سودةއަށްވުރެ މާހަގު ބޭކަނބަލަކަށް ވުމާއެކު، ގޭތެރޭގެ ދިރިއުޅުއްވުމާއި، ގެހިންގުމާބެހޭ ކަންކަމުގައި ވަރަށް ތަނަވަސް ހިތްޕުޅަކުންسودةعائشةގެފާނަށް އެހީތެރިވެވަޑައިގެން ދެއްވިއެވެ. ކައުސާހިބާގެ އެއްވެސް އަނބިކަނބަލަކާالسّيّدة سودةއާ ދެމެދު ދުވަހަކުވެސް މައްސަލައެއް ނުއުފެދެއެވެ. ހުރިހާ ހަތުރަނބިކަނބަލުންނާއެކުވެސް އެކަމަނާ ބޭއްވެވީ ވަރަށް ޚާއްޞަ ގާތްކަމެކެވެ. ޚާއްޞަކޮށްأمّ المؤمنين السّيّدة عائشة رضى اللّـه عنهاއަށް ވަކީން ބޮޑަށް ކަމޭހިއްތެވިއެވެ. ހެޔޮފުޅުކޮށް ހިއްތެވިއެވެ.

أمّ المؤمنين السّيّدة سودةއާ ބެހޭގޮތުންأمّ المؤمنين السّيّدة عائشة رضى اللّـه عنهاވިދާޅުވެފައިވެއެވެ.

"سودةމެނުވީ ހަހުރަވެތިކަމުގެ ޝުޢޫރު ނުގެންގުޅޭ އަންހެނަކު އަހަރެން ނުދެކެމެވެ. އެމީހެއްގެ ހަށިގަނޑުގައި އަހަރެންގެ ފުރާނަ ވާނެނަމަ ރަނގަޅޭ އަހަރެންގެ ހިތަށްއަރާ އަންހެނަކީވެސް ހަމައެކަނިسودةއެވެ."

أمّ المؤمنين السّيّدة سودةއާއިأمّ المؤمنين السّيّدة عائشةއާ ދެބޭކަނބަލުން ބައެއްފަހަރަށް އެއްބޭކަނބަލަކު އަނެއްބޭކަނބަލަކާ ސަމާސާފުޅު ކުރައްވައިވެސް އުޅުއްވިއެވެ.السّيّدة عائشة رضى اللّـه عنهاރިވާކުރައްވައިފައިވެއެވެ.

(ނުނިމޭ)