ފުލުހުންގެ މުއައްސަސާއިން ކުޑަކުދިންގެ މައްސަލަތައް ތަހުގީގު ކުރަމުންދާއިރު ކުޑަކުދިން ހާޒިރުކޮށް އެކުދިންނާ ސުވާލުކުރުމަށް ބޭނުންކުރާ ހާއްސަ އިންޓަވިއު ރޫމްތަކެއް ރާއްޖޭގެ 4 ސަރަހައްދެއްގައި ފުލުހުން ގާއިމް ކޮށްފިއެވެ.

ކުޑަކުދިންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ގޮތުން ރ. އުނގޫފާރާއި ޏ. ފުވައްމުލަކާއި، ސ.ހުޅުމީދޫގެ އިތުރުން ސ. ހިތަދޫ ޕޮލިސް ސްޓޭޝަނުގެ ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި ފުލުހުން ވަނީ ޗައިލްޑް ފްރެންޑްލީ އިންޓަވިއު ރޫމުތަކެއް ހުޅުވާފަ އެވެ.

ފުލުހުން މިރޭ ބުނީ އެ އިންޓަވިއު ރޫމުތައް ގާއިމްކޮށްފައި ވަނީ ފުލުހުންގެ ފައިނޭންސް ޑިޕާޓުމަންޓާއި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީގެ އެހީތެރިކަމާއެކު ކަމަށެވެ.

ކުޑަކުދިންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ގޮތުން ރާއްޖޭގެ ހަތަރު ސަރަހައްދުގައި ފުލުހުން ހުޅުވި ޗައިލްޑް ފްރެންޑްލީ އިންޓަވިއު ރޫމެއް ފުލުހުންގެ އިސްވެރިންތަކެއް ހުޅުވައިދެއްވަނީ: ފޮޓޯ/ ޕޮލިސް

ފުލުހުން ބުނީ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ އިސްނެގުމުގެ މަތިން ކުުރިއަށް ގެންދާ އެ ޕްރޮޖެކްޓުގެ މަގްސަދަކީ މާލެ އާއި އެއް ފެންވަރަށް އަތޮޅުތަކުގައިވެސް ކުޑަކުދިންގެ މައްސަލަތަށް ބެލުމުގައި ވީހާވެސް ބޮޑަށް އެހީތެރިވެދީ މާލެ އާއި އަތޮޅުތަކުގައި އެފަދަ މައްސަލަތައް ބެލުމުގައި އެއްގޮތްކުރުން ކަމަށެވެ.

ފުލުހުން ބުނީ ކުޑަކުދިންގެ މައްސަލަތައް ބަލައި، ތަހްގީގުކޮށް، އިންސާފުކޮށް އަދަބުދިނުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދާއި އެއްގޮތަށް އެ އިންޓަވިއު ރޫމުތައް ހަދާފައިވާ ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ފުލުހުންގެ ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓްގެ ތެރޭގައި ޗައިލްޑް ފްރެންޑްލީ އިންޓަވިއު ރޫމެއް ފުލުހުން ވަނީ ގާއިމްކޮށްފަ އެވެ. ފުލުހުން ބުނީ އެތަނުގެ ސަބަބުން މައްސަލަތައް ބަލައި ތަހްގީގު ކުރުމުގައި ލުއިފަސޭހަ ކަމެއް ފުލުހުންނަށް ލިބިގެން ދިޔަ ކަމަށެވެ.