14 Dec 2015, 19:38
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހުުޅުމާލޭގައި ގާއިމްކޮށްފައިވާ އެ ބޭންކުގެ ބްރާންޗް ޒަމާނީކޮށް ކަސްޓަމަރުންނަށް ލުއިފަސޭހަވާނެ ހިދުމަތްތަކަކާ އެކު އަލުން ހުޅުވައިފި އެވެ.
ބީއެމްއެލް ހުޅުމާލެ ބްރާންޗް ހުންނަނީ ހުޅުމާލެ ހޮސްޕިޓަލް ކައިރީގަ އެވެ.
ހުޅުމާލޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ބްރާންޗް ހުޅުވައިދެއްވީ ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ އެވެ.

ސެލްފް ސާވިސް ބޭންކިން ޔުނިޓަކާއެކު ބީއެމްއެލް އިން މިރޭ ހުޅުވި އެ ބޭންކުގެ ހުޅުމާލެ ބްރާންޗު: ސަން ފޮޓޯ/ އަލީ ނަސީރު
ބީއެމްއެލް ހުޅުމާލެ ބްރާންޗަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ކުރިން ހުރި އޭޓީއެމްތަކުގެ ބަދަލުގައި ޒަމާނީ އޭޓީއެމްތައް ބެހެއްޓުމާއި އަދި ދިވެހި ފައިސާ ނެގުމާއި ޖަމާކުރުމަށް ހާއްސަ ދެ އޭޓީއެމް އާއި ސިޓީއުރާގައި ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމަށް ހާއްސަ އޭޓީއެމް ބެހެއްޓުން ހިމެނެ އެވެ.
އޭގެ އިތުރުން ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް ޖުމްލަ ހަތް ކައުންޓަރު ވަނީ ބަހައްޓާފަ އެވެ.

ސެލްފް ސާވިސް ބޭންކިން ޔުނިޓަކާއެކު ބީއެމްއެލް އިން މިރޭ ހުޅުވި އެ ބޭންކުގެ ހުޅުމާލެ ބްރާންޗު: ސަން ފޮޓޯ/ އަލީ ނަސީރު
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ހުޅުމާލޭގައި މިރޭ ހުޅުވިގެން ދިޔަ ބީއެމްއެލްގެ ބްރާންޗަކީ އެ ބޭންކުގެ މަސައްކަތްތައް އެރަށުގައި ފެށިގެން ދިއުން ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތްތަނުގައި ބީއެމްއެލް ހުޅުމާލެ ބްރާންޗު އިތުރަށް ތަރައްގީ ކުރާނެ ކަމަށެވެ.
އެންޑްރޫ ވިދާޅުވީ ބާރު ސްޕީޑެއްގައި ތަރައްގީވަމުން އަންނަ ހުޅުމާލޭގައި ވިޔަފާރިތައް ކުރިއަރަމުން އަންނަ އިރު އެތަނުގައި ރަނގަޅު ބޭންކިންގެ ހިދުމަތް ހުރުން މުހިންމު ކަމަށާއި އަންނަ އަހަރު ބީއެމްއެލްގެ ބިޒްނަސް ސެންޓަރެއް ހުޅުމާލޭގައި ހުންނާނެ ކަމަށެވެ.