14 Dec 2015, 17:41
ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ބޭއްވި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ 'ކޮޕް21 ' ސަމިޓްގައި ރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ކުދި ގައުމުތައް އެއް ވިސްނުމެއްގައި ބޭތިއްބުން ކަމަށް އެންވަޔަރްމެންޓް މިނިސްޓަރު ތާރިގު އިބުރާހީމް ވިދާޅުވެއްޖެއެވެ.
ފަރަންސޭސިވިލާތުން އެނބުރި ރާއްޖެއަށް ވަޑައިގެން، އިބުރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެލަޔަންސް އޮފް ސްމޯލް އައިލެންޑްސް ( އެއޯސިސް)ގައި ހިމެނޭ 44 ގައުމު އެއް ވިސްނުމެއްގައި ތިބެވުނީ ރާއްޖޭން ވަރަށް ބޮޑު މަސައްކަތެއް ކޮށްގެން ކަމަށެވެ.
"...ކޮންމެ ދުވަހަކު ހަމަ އަގަނޑުމެން، އެކި ގައުމުތައް ރެޕްރެޒެންޓްކުރާ ޓެކްނިކަލް މީހުންނާ އަދި އެވަގުތު އެތާ ތިއްބެވި ހުރިހާ މިނިސްޓަރުންނަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހަމަ ބައްދަލުކުރަމުން، ހުރިހާ އެންމެން ކޮޕް21 ނިމެންދެން އަޅުގަނޑުމެންގެ ސްޓޭންޑްގައި ތިބެން އަޅުގަނޑުމެން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރިން،" މިނިސްޓަރު ވިދާޅުވިއެވެ.
ކުދި ގައުމުތައް އެއް ވާހަކައެއް ދައްކައިގެން ، އެގައުމުތައް ބޭނުންވި ކަންތައްތައް ޕެރިހުގައި އެކުލަވައިލި މުއާހަދާގައި ހިމެނިފައިވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް މިނިސްޓަރު ސިފަކުރެއްވިއެވެ. އެކަމުގައި ރާއްޖޭން އަދާކޮށްފައި ވަނީ ވަރަށް ބޮޑު ދައުރެއް ކަމަށް ވެސް ވިދާޅުވިއެވެ.
ކޮޕް21 ސަމިޓްގައި ގައުމުތަކަށް އެއްބަސްވެވުނު މުހިއްމު ކަންކަތައްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން ސަލާމަތް ވުމަށް ހަރަދު ކުރަން ، 100 ބިލިޔަން ޑޮލަރު ޖަމާ ކުރުމަށް ބޮޑެތި ގައުމުތަކުން އެއްބަސްވެފައިވާ ކަމަށެވެ.
"...2020 އަންނަން ވާއިރަށް ބޮޑެތި ގައުމުތަކުން 100 ބިލިޔަން ޔޫއެސް ޑޮލަރު މޫސުމަށް އަންނަ ބަދަލުތަކަށް ހަރަދުކުރަން ހޯދައި ދޭނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.
ފައިސާގެ އިތުރުން ކުދި ގައުމުތަކަށް ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށާއި ބޮޑެތި ގައުމުތަކުން ކުދިގައުމުތަކުގެ މީހުން ތަމްރީނު ކުރުމަށް ވެސް އެއްބަސްވެފައިވާ ކަމަށް ތާރިގު ވިދާޅުވިއެވެ.