15 Dec 2015, 08:55
ނިއުދިއްލީ (ޑިސެމްބަރ 14): އިންޑިއާގެ ފުރަތަމަ "ބުލެޓް ޓްރެއިން" ބިނާ ކުރުމަށް ޖަޕާނުން 12 ބިލިއަން ޑޮލަރު އިންވެސްޓުކުރުމަށް ނިންމާފައިވާ ކަމަށް އެ ދެ ގައުމުން އިއުލާންކޮށްފި އެވެ.
އިންޑިއާ އާއި ޖަޕާނުން އެ އިއުލާންކޮށްފައި ވަނީ ޖަޕާނުގެ ބޮޑު ވަޒީރު، ޝިންޒޯ އަބޭ އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ހުކުރު ދުވަހު ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅެއްގަ އެވެ. އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ ޖަޕާނަކީ އިންޑިއާގެ އިގްތިސާދު ވަރުގަދަ ކުރުމުގައި އިސް ދައުރެއް އަދާކޮށްފައިވާ ގައުމެއް ކަމަށެވެ.
"އޭޝިއާ އާއި އޭޝިއާގެ ކަނޑުގެ ސަރަހައްދުތަކުގެ ކުރިމަގަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވެން އޮތީ އަޅުގަނޑުމެންގެ [އިންޑިއާއާއި ޖަޕާނުގެ] ޕާޓްނާޝިޕުން،" މޯދީ ވިދާޅުވެފައިވެ އެވެ.
އިންޑިއާއަށް ބުލެޓް ޓްރެއިން ތައާރަފް ކުރުމުން އެގައުމުގެ މުމްބާއީ އިން އަހްމަދުއާބާދަށް ކުރާ ދަތުރުގެ ވަގުތު އަށް ގަޑި އިރުން ގާތްގަޑަކަށް ދެގަޑި އިރަށް ކުޑަވާނެ ކަމަށް މޯދީ ވިދާޅުވި އެވެ.
އެ އެއްބަސްވުމުގެ އިތުރުން، ދިފާއީ ޓެކްނޮލޮޖީ ވަރުގަދަ ކުރުމަށް މަސައްކަތް ކުރުމަށާއި ނިއުކްލިއާ ހަކަތަ ސުލްހަވެރިކަމާ އެކު ބޭނުން ކުރުމަށް ވެސް ދެ ގައުމުން ވަނީ އެއްބަސްވެފަ އެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނަނީ އިންޑިއާގެ މުއްސަނދި ވިޔަފާރިވެރިން ބޭނުން ކުރަން އެފަދަ ރޭލެއް އުފެއްދުމަށް ވުރެ، އިންޑިއާގެ އުމްރާނީ ތަރައްގީއަށް ޓަކައި އެފައިސާ ބޭނުން ކުރުން މާރަނގަޅު ވާނެ ކަމަށެވެ.
މައުލޫމާތު: އަލްޖަޒީރާ