14 Dec 2015, 19:18
ރާއްޖޭގެ މެރަތަން ދުވުންތެރިއާ އަހްމަދު ޝަރަފް އަށް އެއް އަހަރު ދުވަހުގެ ސްކޮލަޝިޕެއް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ(އެމްއޯސީ) އިން ދީފިއެވެ.
އެމްއޯސީގެ ޖެނަރަލް ސެކެޓްރީ އަހްމަދު މަރްޒޫގް(މަރޭ) މިއަދު 'ސަން' އަށް ވިދާޅުވީ ރާއްޖޭގެ ގައުމީ އެތުލެޓިކްސް ސްކޮޑުގައި ހިމެނޭ ޝަރަފަށް އެ ސްކޮލަޝިޕް ލިބިފައިވަނީ އިތިއޮޕިއާގެ ހައިޕާފޯމެންސް ސެންޓަރުން އެއް އަހަރުދުވަހުގެ މުއްދަތަކަށް ކަމަށެވެ. އަދި ޝަރަފްގެ ޕާފޯމެންސަށް ބެލުމަށްފަހު އެ މުއްދަތު އިތުރު ކުރުމަށް މަސަތްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ އޮލިމްޕިކް ކޮމެޓީއާއި އިތޮއޮޕިޔާގެ އޮލިމްޕިކް ކޮމެޓީއާއި ދޭތެރޭގައި ވެފައިވާ އެއްބަސް ވުމެއްގެ ދަށުން ރާއްޖޭގެ އެތުލީޓަކަށް އެ ފުރުސަތު ލިބިގެން އެ ދިޔައީ،" މަރޭ ވިދާޅުވިއެވެ.
މަރޭ ވިދާޅުވީ މިފަހަރު އެންމެ އެތުލީޓަކަށް އެ ފުރުސަތު ލިބިގެން ދިޔަނަމަވެސް ކުރިއަށް އޮތްތާންގައި ރާއްޖޭގެ އެހެން އެތުލީޓުން ނަށް ވެސް އެފަދަ ފުރުސަތުތަކެއް ހޯއްދަވައި ދެއްވުމަށް އެމްއޯސީ އިން މަސަތްކަތް ކުރާނެ ކަމަށެވެ.
ޝަރަފް އިތެޔޮޕިއާ އަށް ފުރުމަށް ހަމަ ޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.
މިދިޔަ އަހަރުގެ ގައުމީ ހާފް މެރެތަން ޗެމްޕިއަންޝިޕުގެ ދެ ވަނަ އަދި މި އަހަރުގެ މާލެ މިޑްނައިޓް ރަންގެ ހާފް މެރެތަން ބައިގެ ދެ ވަނަ ހޯދި ޝަރަފް ވަނީ 2013 ވަނަ އަހަރުގެ ޕުކެޓް މެރެތަންގެ ހާފް މެރެތަން ރޭހުން، އުމުރުފުރާ އިން ތިން ވަނަ ވެސް ހޯދައިފަ އެވެ.
އެމްއޯސީން ޝަރަފަށް ސްކޮލާޝިިޕެއް ދީފައިވާއިރު ރާއްޖޭގެ އެންމެ ބާރު ދުވުންތެރިއާ ހަސަން ސާއިދުއަށް ވެސް އެމްއޯސީން ވަނީ ތަމްރީންތަށް ހެދުމަށް ސްކޮލާޝިޕެއް ތަނަވަސް ކޮށްދީފައެވެ. އެ ގޮތުން 2012 ވަނަ އަހަރު އޮލިމްޕިކް ކޮމެޓީގެ ސްކޮލާޝިޕުގެ ދަށުން ޖެމެއިކާގައި ސާއިދު ހެދި ތަމްރީންތަކާ އެކު އޭނާ ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ.