14 Dec 2015, 16:14
ކުރީގެ ފޯމުތަކުގައި ފިންގާ ޕްރިންޓު ޖަހަން އެންގި އެންގުމަކީ ގާނޫނު އަސާސީއާ ޚިލާފު ބާތިލް އެންގުމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެމްޑީޕީ އާއި ޑީއާރްޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ދައުލަތުން ޖަވާބު ދާރީވާން ފުރުސަތު ދީފި އެވެ.
ސިޔާސީ ޕާޓީތަކުގެ މެމްބަރަކަށްވުމަށް އެދި ފޯމް ހުށަހަޅާއިރު، ފިންގާ ޕްރިންޓު ޖަހަން ނުޖެހޭ ގޮތަށް އޮތް ދުވަސްވަރު ހުށަހެޅި ފޯމުތަކުގައި ފިންގާ ޕްރިންޓު ޖެހުމަށް އިލެކްޝަންސް ކޮމިޝަނުން އެންގި އެންގުމަކީ ގާނޫނު އަސާސީއާ ޚިލާފު ބާތިލް އެންގުމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ކޯޓަށް ހުށަހެޅީ އިދިކޮޅު އެމްޑީޕީ އަދި ޑީއާރުޕީއިންނެވެ.
މަައްސަލަ ޝަރީއަތަށް ނުފޮނުވާ ސުލްހަކުރުމަށް ދެފަރާތުގެ މެދުގައި ވާހަކަ ދެއްކުމަށް މިއަދު ބޭއްވިއަޑު އެހުމުގައި ދައުލަތުން އިތުރު ފުރުސަތަށް އެދިފައި ވަނީ މައްސަލައާ ގުޅޭ ލިޔެކިޔުންތައް ލަހުން ލިބުނު ކަމަށް ބުނެ އެވެ.
މައްސަލާގައި އިތުރު ބައްދަލުވުމެއް ބާއްވާނެ ކަމަށް މިއަދުގެ އަޑުއެހުމުގައި ވަނީ އިއުލާނުކޮށްފަ އެވެ.
އެމައްސަލަ ކޯޓަށް ހުށަހެޅި ސަބަބެއް ކަމަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަދި ގާނޫނީ ވަކީލު އަނަސް އަބްދުއްސައްތާރު ވިދާޅުވީ ސިޔާސީ ޕާޓީތައް އުފެއްދުމާ ބެހޭގޮތުން ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ މާއްދާ އިލެކްޝަންސް ކޮމިޝަނުން ނުބައިކޮށް މާނަކޮށްފައި ވުމެވެ.
އަނަސް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ އެ ނިންމުމުގެ ސަބަބުން ބައެއް ސިޔާސީ ޕާޓީތައް އޮތީ އުވޭ ހިސާބަށް ގޮސްފައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެމްޑީޕީން 23،000 މެމްބަރުން މަދުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރީގެ ފޯމްތަކުގައި މިއަހަރު ނިމުމުގެކުރިން ފިންގާ ޕްރިންޓު ޖެހުމަށް އިލެކްޝަންސް ކޮމިޝަނުން އެންގިތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކުރަމް ވިދާޅުވީ 3000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވޭނެކަމަށް އެ ކޮމިޝަނުން މީގެކުރިން ވަނީ އަންގާފައި ކަމަށެވެ.