ސެމްސަންގް ކުންފުނީގެ ގެލެކްސީ ސީރީޒްގެ "އެސް ސެވެން" އަންނަ އަހަރު ނެރުމަށް ހަމަޖެހިފައިވާއިރު އެ ފޯނުގައި ޕްރެޝާ ސެންސަރު ހުންނަ ޑިސްޕްލޭއެއް ހަރުކުރާނެ ކަމަށް ރިޕޯޓުތަކުން ބުނެފި އެވެ.

މަޝްހޫރު ނޫހެއް ކަމަށްވާ "ވޯލްސްޓްރީޓް ޖާނަލް" އިން ބުނެފައި ވަނީ ސެމްސަންގެ މިހާރުގެ ފްލެގްޝިޕް ކަމަށްވާ "އެސް ސިކްސް"ގެ ދެ ވޭރިއެންޓް އެއް އުފެއްދި ފަދައިން އެސް ސެވެންގެ ވެސް ދެ ވޭރިއެންޓެއް އުފައްދާނެ ކަމަށެވެ. އެހެން ކަމުން އެސްސިކްސް ފަދައިން އެސް ސެވެންގެ ވެސް "އެޖް"ގެ ކާވްޑް ސްކްރީން ވާޝަން އެއް އިންނާނެ އެވެ.

ސެމްސަންގެ އާ ފްލެގްޝިޕް ފޯން ތަކުގައި އިމްޕްލިމެންޓް ކުރުމަށް ނިންމާފައިވާ ޕްރެޝާ ސެންސާ ފީޗާއަކީ އެޕަލް ކުންފުނީގެ އެންމެ ފަހުގެ ފޯން ކަމަށްވާ އައިފޯން ސިކްސްއެސް އާއި ސިކްސް އެސް ޕްލަސްގައި އިމްޕްލިމެންޓް ކޮށްފައިވާ ފީޗާއެކެވެ. ނަމަވެސް އެޕަލްގައި އެ ފީޗާ އަށް ކިޔަނީ "ތްރީޑީ ޓަޗް" އެވެ.

ބައެއް ސޯސްތަކުން ބުނާ ގޮތުގައި އަންނަ އެސް ސެވެންގެ އާދައިގެ ވާޝަންގައި އެސްޑީ ކާޑް ސްޓޯރޭޖް އެކްސްޕޭންޝަން އިންނާނެ އެވެ. އެ ފީޗާ ވަނީ އެސް ސިކްސް އިން އުނިކޮށްފަ އެވެ. އެއާއެކު ގިނަ ބައެއް ވަނީ އެކަމުގެ ނުރުހުން ފާޅުކޮށްފައެވެ.

އެސް ސެވެންގެ ޑިޒައިން، އެސް ސިކްސްއާ ބޮޑުތަނެއް ތަފާތު ނުވާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ނަމަވެސް ކެމެރާ އިންނަ "ބަމްޕް" އެއް އެސް ސެވަންއިން އުނިކުރާނެ ކަމަށް ރިޕޯޓުތަކުން ހާމަވެއެވެ.

ގެލެކްސީ އެސް ސެވެން ނެެރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މާޗުގެ މެދުތެރޭގައެވެ.