ނުރަޖެހުމަކީ ހަށިގަނޑުގެ ސިއްޙީ ޙާލަތު އާދައިގެ ގޮތެއްގައި ހުރިކަމުގެ ދަލީލެއްކަމަށާއި އެއީ ބަލީގެ ނިޝާނެއް ނޫން ކަމަށް ސައެންސްވެރިން ބުނެފި އެވެ.
ނުރަޖެހުމާ ގުޅޭ ދިރާސާތަކެއް ދާދިފަހުން ކުރި އެމެރިކާ ސައެންސްވެރިން ބުނާގޮތުން ނުރަޖަހަނީ އެންޓި އޮކްސިޑެންޓަލް މާއްދާއެއްކަމަށްވާ "ގުލުޓަތިއޮން" ނަމަކަށްކިޔާ މާއްދާއެއް ލޭގައި މަދުވުމުގެ ސަބަބުންނެވެ. މިއީ އިންސާނާގެ ހަށިގަނޑުގައި ގުދްރަތީ ގޮތުން އުފައްދާ މާއްދާއެކެވެ. މިމާއްދާގެ ބޭނުމަކީ ހަށިގަނޑުގައި ހުންނަ އޮކްސިޑޭޝަންގެ ލެވެލް އެއްވަރެއްގައި ހިފެހެއްޓުމެވެ. އޮކްސިޑޭޝަންގެ ލެވެލް މައްޗަށްދާ ނަމަ ނުރަޖެހުން ގިނަވާނެ އެވެ. "ގުލުޓަތިއޮން" ހަށިގަނޑުގައި ގިނައިން އުފައްދާމީހުންގެ އިސްތަށި ނުރައަށް ބަދަލުވުން ކުޑަވާނެ އެވެ. މިމާއްދާ މަދުވެ އޮކްސިޑޭޝަންގެ ލެވެލް މަތިވެއްޖެ ނަމަ އަވަހަށް އަދި ގިނައިން ނުރަޖަހާނެ އެވެ.
"ގުލުޓަތިއޮން" ހަށިގަނޑުގައި އުފައްދާ މިންވަރާއި އިންސާނާ، (މަންމަގެ ރަހިމުގައި) އުފެދޭއިރު ވިރާޘީ ގޮތުން އޭނާ އަށް ވާރުތަވާ ޖީންތަކާއި ސިފަތަކާ ބޮޑު ގުޅުންތަކެއްވާ ކަމަށް އެމެރިކާގެ ސައެންސްވެރިން ބުނެއެވެ. ކުރިން އެނގިފައިވާ ގޮތުގައި އަވަހަށް ނުރަޖެހުމަކީ އަވަހަށް މުސްކުޅި ވާކަމުގެ އަލާމާތެކެވެ. ނަމަވެސް ނުރަޖެހުމާ ގުޅޭ ދިރާސާތައް ކުރި އެމެރިކާގެ ސައެންސްވެރިންގެ ނަޒަރުގައި ނުރަޖެހުމަކީ ހަށިގަނޑު އަވަހަށް މުސްކުޅި ވުމެއްނޫނެވެ. މުސްކުޅި ވާވަރަކަށް ނުރަ އިތުރުވުމަކީ ހަގީގަތެއް ކަމަށް ވިޔަސް އަވަހަށް ނުރަޖެހުމާއި މުސްކުޅިކަމާ ގުޅުންނެތްކަމާ އަދި އަވަހަށް ނުރަޖެހުމަކީ ބައްޔެއްގެ ސަބަބުން ވާކަމެއް ނޫންކަމަށް ވެސް މިދިރާސާ ކުރެއްވި ސައެންސްވެރިން ބުނެ އެވެ.
މުސްކުޅި ވާވަރަކަށް ހަށިގަނޑުގައި އޮކްސިޑޭޝަންގެ ލެވެލް ދަށްވާނެ އެވެ. މިހެންވަނީ އުމުރުން ދުވަސްވާ ވަރަކަށް "ގުލުޓަތިއޮން" މާއްދާ ހަށިގަނޑުގައި އުފައްދާ މިންވަރު މަދުވުމުގެ ސަބަބުން ވާކަމެކެވެ. މިއީ ގުދްރަތީ ކަމެކެވެ. ނުވަތަ ތަބީޢީ ކަމެކެވެ. މިކަމުގެ ސަބަބުން ނުރަޖެހުމަށް މަގުފަހިވެ އެވެ. ނަމަވެސް އުމުރުން 30 އަހަރު ވުމުގެ ކުރިން މާބޮޑަށް ބޮލުގައާއި ތުނބުޅީގައި ނުރަޖަހާނަމަ އެއީ ހަށިގަނޑުގައި ހޯމޯންގެ ޑިސްއޯޑަރއެއް އުޅޭކަމުގެ ނިޝާނަކަށް ވެދާނެ އެވެ. ނޫނީ އެއީ އާއިލީގޮތުން ވާރުތަ ވެފައިވާ ސިފަތަކާއި ޖީންތަކުގެ ސަބަބުން ވެދާނެ ކަމެއް ކަމަށްވެސް އެމެރިކާގެ ސައެންސްވެރިން ބުނެއެވެ. (އާރުޓީ)