10 Apr 2011, 19:45
ދ. ބަނޑިދޫ ރަށު ކައުންސިލްގެ އިދާރާ ބަލަހައްޓާ ވޮޗަރަށް ހަމަލާދިނުމަށް ފަހު، އެތަނުގައި ހުރި ދެ ތިޖޫރީއެއް ފަޅާލައިގެން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނެގި މައްސަލާއާ ގުޅިގެން މިއަދު ހައްޔަރު ކުރި މީހެއްގެ ގެ އިން މައްސަލައާ ގުޅުން ހުރި ބައެއް ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރ އޮފް ޕޮލީސް އަހުމަދު ޝިޔާމް ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މައްސަލައާ ގުޅިގެން މިއަދު މެންދުރު ފަހު އެރަށުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހާގެ ގެ ފުލުހުން ބަލާ ފާސްކުރުމުގެ ތެރޭގައި މައްސަލައާ ގުޅުން ހުރި ބައެއް ތަކެތި ފެނިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ނަމަވެސް އެގޭތެރެއިން ބަނޑިދޫ ރަށު ކައުންސިލްގެ އިދާރާގައި ހުރި ތިޖޫރީން ގެއްލުނު ފައިސާ ފެނިފައިވޭތޯ ދެންނެވުމުން ޝިޔާމް ވިދާޅުވީ އެކަމުގެ ތަފްސީލް އަދި ދެއްވެން ނެތް ކަމަށެވެ.
ސަން އަށް އިނގިފައިވާ ގޮތުގައި މިއަދު ހައްޔަރުކުރީ އެރަށު ކަންމަތީގޭ ފައިސަލް ހުސެއިން އެވެ.
ކައުންސިލްގެ އިދާރާ ބަލަހައްޓާ ވޮޗަރަށް ހަމަލާދިނުމަށް ފަހު، އެމީހާގެ މޫނުމަތީގައި ޓޭޕް އަޅައި، ހަތަރެސްފައި ބަނުމަށް ފަހު ހައެއްކަ މީހުންގެ ގްރޫޕަކުން އެތަނުގެ ދެ ތިޖޫރީ ފަޅާލި މައްސަލައާ ގުޅިގެން މިހާތަނަށް އަށް މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
އެމައްސަލައާ ގުޅިގެން ފުލުހުން މީގެކުރިން ހައްޔަރުކޮށްފައި ވަނީ ބަނޑިދޫ ފެހިއަލި އިސްމާއީލް ޝިޔާރާއި، ހެދޭކުރި އިބްރާހީމް ނައުފަލާއި، ޖޭމްގަސްދޮށުގޭ އަހުމަދު ފިރާގާއި، ބަނޑިދޫ ހިޔާ އަހުމަދު ހަފީޒު އާއި މާފަހި، އަހުމަދު ރިފްޝާން އާއި ދިރިމާގޭ ނިމާލް ރަޝީދާއި ބަނޑިދޫ މީހަކާ އިނދެގެން އުޅޭ، މާކަރީ ލައިޓް، ލ. އިސްދޫ އަބްދުﷲ އަފީފް ކިޔާ މީހެއް ކަމަށް ސަން އަށް ވަނީ އިނގިފަ އެވެ.
ރަށު ކައުންސިލްގެ އިދާރާގައި ބަހައްޓާފައި ހުރި ދެ ތިޖޫރީއެއް ފަޅައިލާ 58000 ރުފިޔާ އަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށާއި އަދި އެހެނިހެން ގޮތްގޮތުން އިދާރާގެ ތެރެއިން އެކި ވަރަށް ފައިސާ ގެންގޮސްފައި ހުރުމުން ވަގަށް ގެންދިޔަ ފައިސާގެ އަދަދު 68000ރ. އަށް ވުރެ ގިނަ ވާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ބަނޑިދޫގައި މީގެ ކުރިން ވެސް ވަނީ ދެ ފަހަރެއްގެ މަތިން ތިޖޫރީ ފަޅާލާފައި ވެއެވެ. ކުރިން ފަޅާލާފައި ވަނީ ރަށު އޮފީހުގެ ތިޖޫރީ އާއި ސިއްހީ މަރުކަޒުގެ ތިޖޫރީ އެވެ.