14:30


ފެލިވަރު މަސް ކާރުހާނާ އާއި ކޫއްޑޫ މަސް ކާރުހާނާ ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގުމަކީ ސަރުކާރުގެ ސިޔާސަތުގެ ތެރޭއިގައި ހިމެނޭ ކަމެއް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.


ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ މި ސަރުކާރުގެ ދައުރު ފެށުނުއިރު މިފްކޯގެ މާލީ ސިޔާސަތު އޮތީ އެހާ ރަނގަޅަށް ނޫން ކަމަށެވެ. އަދި އެ ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދުމުގެ ގޮތުން އެތަނުގެ ދަށުން ހިންގާ ކޫއްޑޫ އާއި ފެލިވަރު، ވަކި ދެ ކުންފުންޏެއްގެ ގޮތުގައި ހިންގައި މިފްކޯގެ މަސައްކަތްތަކަށް ބަދަލު ގެނެސް، އެ ތަނަކީ ކުދިމަސް ދިރުވާ، އާލާކޮށް، ވިއްކައި، މަސް ބޮޑެތިކުރުމާއި، ބޭރަށް ވިއްކާ ގޮތަށް އެތަނުގެ މަސައްކަތްތައް ބަދަލު ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެގޮތަށް ނިންމެވީ ވަކި ކަމަކާ ގުޅިގެން ނޫން ކަމަށާއި އެއީ ކުރިއްސުރެ ވެސް ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްވެސް ޒުހެއިރު ވިދާޅުވި އެވެ.


ކޫއްޑޫ ވަކިން ހިންގެވުމަށް ސްޓޭޓް މިނިސްޓަ ފޯ އިކޮނޮމިކް ޑިވެލޮޕްމަންޓް އާދިލް ސަލީމާ ރައީސް އޮފީހުން މިހާރު ވަނީ ހަވާލުކޮށްފަ އެވެ. ޒުހެއިރު ވިދާޅުވީ ކުރިން މިފްކޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައިވާ އާދިލާ އެކަން ހަވާލުކުރެއްވީ އޭނާ އަކީ އެކަމުގެ ތަޖްރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅަކަށް ވާތީ ކަމަށެވެ.


ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ މިފްކޯގެ ހެޑް އޮފީހުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ކޫއްޑޫ އާއި ފެލިވަރަށް ބަދަލުކޮށް ހެޑް އޮފީހުގައި 10 މުވައްޒަފުން މަސައްކަތް ކުރާ ގޮތަށް ބަދަލު ގެންނެވީ ކީއްވެގެންތޯ ސުވާލުކުރުމުން ޒުހެއިރު ވިދާޅުވީ އެކަމަކީ ޚަރަދު ކުޑަކުރެއްވުމުގެ ސިޔާސަތުގެ ދަށުން ކުރައްވާފައިވާ ކަމެއް ކަމަށެވެ. ނަމަވެސް އެގޮތަށް ހަމަޖެއްސި ނަމަވެސް މުވައްޒަފުންގެ ވަޒީފާގެ ބަޔާނާ ޚިލާފް އެއްވެސް ގޮތަކަށް މިފްކޯއިން ޢަމަލުކޮށްފައިވާކަން ރައީސް އޮފީހަށް އެނގިފައި އަދިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އާ މެނޭޖްމަންޓް މިފްކޯ އާ ހަވާލުވީއްސުރެ ވެސް ކުރަމުން އައި ކަމަކީ ޚަރަދު ކުޑަކުރުން ކަމަށާއި، މަހަކު ދެ މިލިއަން ރުފިޔާވަރު ކުޑަކުރެވޭ ވަރުގެ މަސައްކަތް ވެސް އެ ކުންފުނުނިން ކޮށްފައިވާ ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.