ދަނޑުވެރިކަން ކުރުމުގައި ޒަމާނާ އެއްގޮތަށް ބޭނުންކުރާ ފެންދޭ ނިޒާމް ޤާއިމުކުރުމުގެ ޕްރޮގްރާމް ހިންގުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްގީކޮށް ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން ކުދި ޖަޒީރާ ގައުމުތަކުގައި ދަނޑުވެރިކަން ކުރުމުގައި ޒަމާނާ އެއްގޮތަށް ބޭނުންކުރާ ފެންދޭ ނިޒާމް ގާއިމުކުރުމުގެ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައި ވަނީ ދެ ރަށެއްގައި ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ވަނީ ބުނެފައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި ފުރުސަތު އަންނަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށާއި ފެންދޭ ނިޒާމް ގާއިމްކޮށްދިނުމަށް ހަމަޖެހިފައި ވަނީ މިކަމަށް އެދި ހުށަހަޅާ ފަރާތުން ކަނޑައަޅާ 10 ދަނޑުވެރިއެއްގެ ދަނޑުގައި ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނެފައިވާ ގޮތުން، މި ޕްރޮގްރާމް ހިންގާނެ ރަށްތައް ކަނޑައެޅުމުގައި ބަލާނީ ދަނޑުވެރިކަން ފުޅާކުރުމަށް ބިން ލިބެން ހުންނަ މިންވަރަކާއި ދަނޑުމަތީގައި ފެން ނެގޭނެ އިންތިޒާމު ގާއިމުވެފައި ހުރި މިންވަރަށެވެ.

އޭގެ އިތުރުން ރަށުގައި ދަނޑުވެރިކަން ކުރަމުންދާ ނިސްބަތާއި ދަނޑުބިމުގައި ފެންދޭ ނިޒާމް މިހާރު ގާއިމުކުރެވިފައިވާ މިންވަރަށް ވެސް ބެލިގެން ދާނެ އެވެ.