ދި ޞަދަގާތު ފައުންޑޭޝަންގެ ފަރާތުން އިންތިޒާމުކޮށްގެން ނުކުޅެދުންތެރިކަން ހުންނަ 10 ކުއްޖަކަށް އާސަންދައިން ވަޒީފާގެ ފުރުސަތު ހޯދައިދީފި އެވެ.

އާސަންދަ އާއި އެންސްޕާ އާ ގުޅިގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގެ ދަށުން ވަޒީފާގެ ފުރުސަތު ހުޅުވާލުމާ އެކު ނުކުޅެދުންތެރިކަން ހުންނަ 21 މީހަކު ފޯމު ހުށަހަޅާފައިވެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ވަޒީފާ ލިބުނު ކުއްޖަކު އެ ކަމުގެ ލިޔުން ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޖަޖުންގެ ޕެނަލްގެ ފަރާތުން ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

ވަޒީފާއަށް ހޮވުނު ކުދިންނަށް ސެޓްފިކެޓް ހަވާލު ކުރުމަށް މިއަދު މުލިއާގޭގައި ބޭއްވި ރަސްމިއްޔާތުގައި ވަޒީފާއަށް ކުދިން ހޮވުމުގެ އިންޓަވިއު ޕެނަލްގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ކެއާ ސޮސައިޓީގެ ހެޑް ޓީޗަރު ފާތުމަތު ޒާނާ ވިދާޅުވީ ފޯމު ހުށަހެޅި 21 ކުދިންގެ ތެރެއިން އިންޓަވިއުއަށް ހާޒިރުވެފައި ވަނީ 14 ކުއްޖަކު ކަމަށެވެ.

އިންޓަވިއު ކުރުމުގައި ބަލާފައި ވަނީ ނުކުޅެދުންތެރިކަން ހުރުމާއެކު ވެސް އެކި ކަހަލަ ހުނަރު ހުރި ކުދިން ކަަމަށް ޒާނާ ވިދާޅުވި އެވެ. އެގޮތުން ކޮމްޕިއުޓަރުގެ ހުނަރާއި ތައުލީމީ ފެންވަރު ހުރި ވަރެއް އެ އިންޓަވިއުގެ ތެރެއިން ބަލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން މަސައްކަތް ކުރުމުގެ ގާބިލިއްޔަތު ހުރި މިންވަރު ވެސް އެ އިންޓަވިއުގައި ބަލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އާސަންދައިން ވަނީ ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް އަމާޒުކޮށްގެން ތިން ދާއިރާއަކުން 10 ވަޒީފާގެ ފުރުސަތު ހުޅުވާލާފައި. އެއާ އެކު އިންޓަވިއު ކުރި ފަރާތްތަކުގެ ތެރެއިން 10 ފަރާތަކަށް ވަނީ ވަޒީފާގެ ފުރުސަތު ދީފައި،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ލޯފަން ކުއްޖަކު ވެސް އިންޓަވިއުގައި ބައިވެރި ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އާސަންދައިގެ މަސައްކަތްތަކަށް ވަކި ކްރައިޓީރިއާއެއް ހަމަޖެހިފައިވުމުން އެންސްޕާ އާއި އާސަންދަ ގުޅިގެން ނިންމާފައި ވަނީ އެ ކުއްޖާ ލައްވައި ހަފްލާތަކާއި އެހެން ތަން ތަނުގައި ގުރުއާން ކިޔަވާ ގޮތަށް ކަމަށް ޒާނާ ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ ތެރެއިން ވަޒީފާ ލިބުން ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދި ޞަދަގާތު ފައުންޑޭޝަންގެ ފައުންޑަރު އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބި ކަނބަލުން ފާތުމަތު އިބްރާހިމް ވިދާޅުވީ މިއަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ ގޮތުން މުހިއްމު މަސައްކަތެއް ފެށިގެން ދިޔަ ދުވަހެއް ކަމަށެވެ.