10 Apr 2011, 18:58
ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމަށް ފުލުހުން ހިންގާ އޮޕަރޭޝަނުގައި ކުރިއަށް އޮތްތަނުގައި ބަލަމުންދާނީ ޑޮލަރު ވިއްކުމަށް ސަރުކާރުން މިއަދު ކަނޑައެޅި ރޭޓާ އެއްގޮތަށް ޑޮލަރު ވިއްކަމުންދޭތޯ ކަމަށާއި އެއާ ހިލާފަށް ޑޮލަރު ވިއްކަމުންދާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.
މާދަމާއިން ފެށިގެން ޑޮލަރެއް އެންމެ މަތިވެގެން ވިއްކޭނީ 15.42ރ. އަށް ކަމަށާއި އަދި އެންމެ ދަށް ވެގެން ވިއްކޭނީ 10.28ރ. އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަނީ މިއަދު ހަމަޖައްސަވައިފަ އެވެ.
އެކަމާ ގުޅިގެން ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމަށް ފުލުހުން ހިންގާ އޮޕަރޭޝަނަށް އަންނާނެ ބަދަލުތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ޝަހީދު ހުސެއިން އާދަމް ބިލްޑިންގައި ބޭއްވި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް، އިސްމާއިލް އަތީފް ވިދާޅުވީ، ފުލުހުން ދެން އަމަލުކުރާނީ ދައުލަތުން ނިންމާފައިވާ ނިމުމަމަށް ކަމަށެވެ.
"ދައުލަތުން ވަކިގޮތަކަށް ވަކި ކަމެއް ނިންމެވީމަ އެވަގުތަކު ނިންމަވާ ނިންމެވުމެއް އަޅުގަނޑުމެން ފޮލޯކުރާނީ ]އަމަލުކުރާނީ[. އެހެންވީމަ އަޅުގަނޑުމެން ބަލަމުންގެންދާނީ ]ސަރުކާރުން ޑޮލަރަށް[ އެ ގެންނެވި ފްލަކްޗުއޭޝަންގެ ނުވަތަ ރޭންޖުގެ ތެރޭގައިތޯ ވިޔަފާރިކުރަމުންދަނީ،" އަތީފް ވިދާޅުވި އެވެ.
ނަމަވެސް، ކުރިން ޑޮލަރު ވިއްކުމަށް ކަނޑައަޅައިފައިވާ ރޭޓުން ބޭރުގައި އެ ވިޔަފާރިކުރަމުންދިޔަ ފަރާތްތައް ހޯދައި، ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"]ޑޮލަރު[ އަގުބޮޑުވުމުގެ ކުރިން ހަދައިފައި އޮތް ގަވައިދާ ހިލާފަށް އަމަލުކޮށްފައި އިނިއްޔާ، އޭރުގައި ގަވައިދާ ހިލާފަށް އަމަލުކުރީކަމަށް ބަލައިފައި އިންނާނީ." އަތީފް ވިދާޅުވި އެވެ.
އެނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހޯމް މިނިސްޓާ ހަސަން އަފީފް ވިދާޅުވީ، ޑޮލަރުގެ ކާޅު ބާޒާރެއް އުފެދިފައިވާ މައްސަލައިގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅުމަށް ނުވަތަ އެ މައްސަލަ ބަލައި ޗެކު ކުރުމަށް އަންގައިފައި ނުވާ ކަމަށެވެ. އަދި ބޭރު ފައިސާގެ ކަޅު ބާޒާރު "ނުހުއްޓޭ" ހިސާބަށް ދިޔައިމާ ސަރުކާރުން އެ މައްސަލަ ބެލުމަށް ފުލުހުންނާ ހަވާލުކުރީ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.
ފުލުހުން ހިންގާ މި ހާއްސަ އޮޕަރޭޝަނުގައި މިހާތަނަށް ޑޮލަރުގެ ވަގު ވިޔަފާރި ކުރަމުންދިޔަ ބޭރު މީހަކު ހައްޔަރުކޮށް، އެ މައްސަލަ ފުލުހުން ވަނީ ތަހުގީގުކުރުމަށްފަހު ޕީޖީ އަށް ހުށަހަޅައިފަ އެވެ. އެއީ އީ އެންޑް ޕީ ފިހާރާގައި މަސައްކަތްކުރަމުންދިޔަ އިމްރާން ހުސެއިން ކިޔާ ބަންގްލަދޭޝް މީހަކު ކަމަށް ފުލުހުން ބުންޏެވެ.