14 Dec 2015, 16:16
އަލްގުދުސް (ޑިސެމްބަރ 14): ކަތުރަކުން އިސްރާއީލް ރައްޔިތަކަށް ހަމަލާދިން ދެ އަންހެން ކުއްޖަކު ހުއްޓުވަން މަސައްކަތް ކުރުމުގައި، ހާލަތާ ނުބައްދަލު ބާރު ބޭނުން ކޮށްފައިވާތޯ ބެލުމަށް އިސްރާއީލްގެ ކަމާ ބެހޭ ފަރާތްތަކުން ތަހުގީގު ކުރަމުންދާ ކަމަށް އެ ގައުމުގެ ޖަސްޓިސް މިނިސްޓްރީ އިން ބުނެފި އެވެ.
ނޮވެމްބަރު 23ގައި ހިނގި އެހާދިސާގައި، 16 އަހަރުގެ އަންހެންކުއްޖަކާއި 14 އަހަރުގެ އަންހެން ކުއްޖަކު ވަނީ އިސްރާއީލުގެ ރައްޔިތަކަށް ކަތުރަކުން ހަމަލާދީފަ އެވެ. އަދި އެދެ ކުދިން ހުއްޓުވުމަށް އިސްރާއީލް ފުލުހަކު ވަނީ ދެކުދިންގެ ގަޔަށް ބަޑި ޖަހައި ޒަހަމް ކޮށްލައިފަ އެވެ.
އެ ހާދިސާގައި އެންމެ ބޮޑަށް ޒަހަމްވި 16 އަހަރުގެ އަންހެން ކުއްޖާގެ ގަޔަށް ތަކުރާރުކޮށް ފުލުސް މީހާ ބަޑި ޖަހާފައި ވަނީ އެ ކުއްޖާ ހިފެހެއްޓުމަށް ފަހުގައި ކަމަށް ހަބަރު ފެތުރިފައިވެ އެވެ. އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން އޮފިސަރު ބުނީ އެ ކުއްޖާގެ ގަޔަށް ބަޑި ޖަހަން ޖެހުނީ، އެ ކުއްޖާ ހިފެހެއްޓުމަށް ފަހު ވެސް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ލަފާކުރެވޭތީ ކަމަށެވެ.
ސީސީޓީވީ ކެމެރާއަކަށް އަރައިފައި ހުރި އެ ހާދިސާގެ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ.
އިސްރާއީލް ފުލުހުން ހާލަތާއި ނުބައްދަލު ބާރު ބޭނުން ކުރާ ކަމަށް ފަލަސްތީނު ރައްޔިތުން ވަނީ މީގެ ކުރިން ވެސް ޝަކުވާ ކޮށްފަ އެވެ. ނަމަވެސް އިސްރާއީލުގެ ފުލުހުން ބުނާ ގޮތުގައި އެމީހުން ބާރުގެ ބޭނުން ކޮށްފައި ވާނި ފަލަސްތީނުގެ ރައްޔިތުންދޭ ހަމަލާތަކާ އެކަށީގެންވާ މިންވަރަށެވެ.
އިސްރާއީލަށް ނިސްބަތްވާ ފަރާތްތަކުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 75 މީހަކު މަރުވެފައިވެ އެވެ. ފަލަސްތީނުގެ ރައްޔިތުން ދިން ހަމަލާތަކުގައި 19 އިސްރާއީލް ރައްޔިތުން މަރުވެފައިވެ އެވެ.
އެ ހާދިސާއަކީ އިސްރާއިލް ފުލުހަކު ފަލަސްތީނުގެ ރައްޔިތަކަށް ހަމަލާ ދިނުމުގެ ސަބަބުން ހުށަހަޅާފައިވާ މައްސަލައެއް އިސްރާއީލުގެ ކަމާ ބެހޭ ފަރާތްތަކުން ތަހުގީގު ކުރާ ފުރަތަމަ ފަހަރު ކަމަށް އިސްރާއީލްގެ ނޫސްތަކުގައިވެ އެވެ.
މައުލޫމާތު: ޓެލެގްރާފް