އަނބިމީހާއަށް އަނިޔާކޮށްގެން އިއްޔެ ހައްޔަރު ކުރި ގދ. ތިނަދޫ މީހާގެ ބަންދަށް ތިނަދޫ ކޯޓުން ހަތްދުވަސް ޖަހައިފި އެވެ.

ގެވެށި އަނިޔާގެ މައްސަލައެއް ފެމެލީ ޕްރޮޓެކްޝަން އޮތީރިޓީ އިން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އޭނާ ހައްޔަރު ކުރީ އެމައްސަލައިގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ. އަދި އެއީ 40 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ތިނަދޫ ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ. އެމީހާ އަނިޔާ ކުރުމުގެ ސަބަބުން އަނބިމީހާ އަދިވެސް އޮތީ އައިޖީއެމްއެޗްގެ އައިސީޔޫގަ އެވެ.

ނަން ހާމަނުކުރުމަށް އެދި 'ސަން' އަށް މައުލޫމާތުދިން މީހަކު ކިޔައިދިން ގޮތުން އަންހެން މީހާ އެންމެ ފުރަތަމަ ފަރުވާ ހޯދާފައި ވަނީ ތިނަދޫ ރީޖަނަލް ހޮސްޕިޓަލުންނެވެ. އިތުރު ފަރުވާއަށް މާލެ ދިއުމަށް އެންގުމުން އައިޖީއެމްއެޗަށް އޭނާ ގެނެސް ފަރުވާ ދޭން ވަނީ ފަށައިފަ އެވެ.

ލިބުނު ގެއްލުން ބޮޑުކަމުންނާއި ހާލު ދެރަކަމުން ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ ޑޮކްޓަރުން އަދި ދީފައި ނުވާ ކަމަށް ސަންއާ ވާހަކަ ދެއްކި މީހާ ބުންޏެވެ. "އަދިވެސް އައިސީގައި ހެޔެއްވެސް ނާރާ" ކަމަށް ވެސް އެ މީހާ ބުންޏެވެ.

'ސަން' އާ ވާހަކަދެއްކި މީހާ ބުނީ ދެމަފިރިން ދޭތެރޭގައި ޖެހުނު މައްސަލައެއްގައި އަންހެން މީހާ ގެއިން ނުކުމެ އޭނާގެ އާއިލާއާ އެކު ދިރިއުޅޭތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ.