14 Dec 2015, 10:45
ރާއްޖެއިން ތެޔޮ ހޯދުމުގެ މަސައްކަތް ހުއްޓާލުމަށް އިކޯކެއާ މޯލްޑިވްސް އިން ގޮވާލައިފި އެވެ.
އިކޯކެއާ މޯލްޑިވްސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އދގެ ކޮޕް21 ސަމިޓުގައި ފާސްކޮށްފައިވާ ތާރީހީ އެއްބަސްވުމަށް މަރުހަބާ ކިޔުމަށްޓަކާ ރާއްޖެއިން ތެޔޮ ހޯދުމުގެ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށެވެ.
ދުނިޔޭގެ މިހާރުގެ އެވްރެޖް ފިނިހޫނުމިން ދެޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ދިޔަނުދީ (1.5 ޑިގްރީ ސެލްސިޔަސްގައި) ހިފެހެއްޓުމަށް ކޮޕް21 ސަމިޓުގައި ބައިވެރިވި ގައުމުތަކުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލު ވުމަށް ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުންނާއި، ތަރައްގީވަމުން އަންނަ ގައުމުތަކުން ފުރިހަމަ އެއްބާރުލުން ދޭން ޖެހޭ ކަމަށް ބުނެ އިކޯކެއާ އިން ވަނީ ރާއްޖެއިން ތެޔޮ ހޯދުމަށް ކުރަމުންދާ މަސައްކަތްތައް އެއްވެސް ޝަރުތަކާ ނުލައި ވަގުތުން ހުއްޓާލުމަށް ގޮވާލާފަ އެވެ.
އަދި ރާއްޖެއިން ތެޔޮ ހޯދުމާއި ދެކޮޅަށް 20ށް ވުރެ ގިނަ އެންޖީއޯތަކުން ހަދާފައިވާ ކޯލިޝަންގައި އިކޯކެއާ އިން ބައިވެރިވާ ކަމަށް އެބަޔާނުގައިވެ އެވެ.
މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން އެކި ގައުތަކުން ކުރާ މަޝްވަރާތަކުގައި ސްމޯލް އައިލެންޑް ޑެވެލޮޕިން ސްޓޭޓްސް އިން އަދާކޮށްފައިވާ އިސް ދައުރު އެނޫސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އަދި ބައިނަލްއަގުވާމީ ދުނިޔޭގައި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގައި ރާއްޖޭގެ އިސް ވެރިން އަބަދުވެސް އެންމެ ކުރީ ސަފުގައި ތިއްބެވި ކަމަށް އެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އެގޮތުން، މޫސުމަށް އަންނަ ބަދަލުތަކާ އިންސާނީ ހައްގުތަކާ ގުޅިފައިވާ ކަން އެންމެ ފުރަތަމަ ފާހަގަކުރެއްވި ފަރާތްތަކުގެ ތެރޭގައި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހިމެނޭ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި 2009ގައި ބޭއްވި ކޮޕް15 ސަމިޓު ނާކާމިޔާބުވީ ނަމަވެސް، ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމާ ބެހޭގޮތުން އުއްމީދު ކަނޑާނުލުމަށާއި، މިހާރުގެ ޖީލަކީ ކުރީގެ ޖީލުތަކަށް ނުފުއްދުނު ވައުދުތައް ފުއްދައި، ކުރިން ގެއްލިފައިވާ ފުރުސަތުތައް އަލުން ފޯރުކޮށްދޭނެ ޖީލުކަން ހަނދާންކޮށްދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަން އެ ނޫސް ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.
މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވުމަށް ހުރިހާ ޖަޒީރާ ގައުމުތަކުން މަސައްކަތް ކުރުމަށާއި، އެ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ފާހަގަ ކުރުމަށް އިކޯކެއާގެ ނޫސްބަޔާނުގައި ގޮވާލައިފައިވެ އެވެ.