ނ. މަނަދޫ ގެއަކުން ރޮންދާ އަކާއި ރޫޓަރެއް ވަގަށް ނެގި މީހަކު ހައްޔަރު ކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 24 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މިއަދު ބުންޏެވެ.

އޭނާ ހައްޔަރު ކޮށްފައި ވަނީ ނ. މަނަދޫ ގެއަކުން ވައްކަން ކުރި ކަމަށް ބުނެ އެ ނ. ޕޮލިސް ސްޓޭޝަނަށް ހުށައެޅުނު މައްސަލައަކާއި ގުޅިގެން އެ ޕޮލިސް ސްޓޭޝަނާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.

އެ މީހާ ހައްޔަރު ކުރުމަށް ފަހު އޭނާ ދިރިއުޅޭ ގެ ބަލައި ފާސް ކުރި އިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ރޮންދާ އަކާއި ރޫޓަރެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރު ކުރި މީހާ އަކީ މީގެ ކުރިންވެސް ވައްކަމާއި ފޭރުމުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގެ ވެސް ރިކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެއެވެ.