14 Dec 2015, 10:18
ރިޔާޒް (ޑިސެމްބަރު 14) : ސައޫދީ އަރަބިޔާގައި އިއްޔެ ބޭއްވި މުނިސިޕަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރި އެއްހާސް އަންހެނުންގެ ތެރެއިން 17 އަންހެނުން އެމީހުން ވާދަކުރި ގޮނޑިތައް ކާމިޔާބުކޮށްފި އެވެ.
މި 17 އަންހެނުންގެ ތެރެއިން ހަތަރު މީހުން ޖިއްދާ ސިޓީގެ މުނިސިޕަލް ކައުންސިލްގެ ހަތަރު ގޮނޑި ކާމިޔާބުކޮށްފައިވާ އިރު އިހްސާއާއި ގަތީފް އާއި ޖަވްދު މިތިން ސިޓީގެ ތެރެއިން ކޮންމެ ސިޓީއެއްގެ މުނިސިޕަލް ކައުންސިލުންވެސް ތިން ގޮނޑި އަންހެނުން ކާމިޔާބުކޮށްފައިވެ އެވެ. މީގެއިތުރުން މައްކާއާއި ބާބިތީންއާއި ރިޔާޒް މިތިން ސިޓީގެ ތެރެއިން ކޮންމެ ސިޓީއެއްގެ މުނިސިޕަލް ކައުންސިލުންވެސް އެއްގޮނޑި އަންހެނުން ކާމިޔާބު ކޮށްފައިވެއެވެ. މިއީ ސައޫދީ އަރަބިޔާގެ އިންތިޚާބަކަށް ވާދަކުރުމުގެ ހައްގު އެގައުމުގެ އަންހެނުންނަށް ދިން ފުރަތަމަ ފަހަރެވެ.
ސަޢޫދީ އަރަބިޔާއަކީ ވިރާޘީ ރަސްކަމުގެ ނިޒާމެއް އޮންނަ ގައުމެކެވެ. އެގައުމުގެ ވެރިކަމުގެ ނިޒާމުގައި ރައްޔިތުންނަށް އެއްވެސް ވަރަކަށް ބާރުތައް ދީފައެއް ނުވެ އެވެ. ހުރިހާ ބާރުތަކެއް ވެސް އޮންނަނީ ރަސްގެފާނުގެ އަތްޕުޅުގައާއި ޝާހީ އާއިލާގެ މެންބަރުންގެ އަތުގަ އެވެ. ސައޫދީ އަރަބިޔާއަކީ ރައްޔިތުން އިންތިޚާބުކުރާ ޕާލަމެންޓެއްވެސް އޮންނަ ގައުމެއްނޫނެވެ. ޕާލަމެންޓެއްގެ ގޮތުގައި އެގައުމުގައި އޮންނަނީ ޝޫރާ މަޖިލީހެކެވެ.
މި މަޖިލީހަށް މެންބަރުން ޢައްޔަން ކުރަނީ ރަސްގެފާނެވެ. ގާނޫނު ހަދަނީ ޝޫރާ މަޖިލީހުގެ ބަދަލުގައި ރަސްކަމުގެ ދީވާނުންނެވެ. ގާނޫނަކަށްވަނީ ރަސްގެފާނު ވަކި ފެންވަރެއްގައި ކަނޑައަޅުއްވައި ނިންމަވާ ނިންމުންތަކެވެ. ޝޫރާ މަޖިލީހަކީ ރަސްގެފާނު އެކިކަންކަމުގައި ލަފާ ހޯއްދެވުމަށް މަޝްވަރާ ކުރައްވާ ބޭފުޅުން އެކުލެވޭ މަޖިލީހެކެވެ.
ސައޫދީ މުނިސިޕަލް ކައުންސިލްތަކަކީ ވެރިކަމުގެ މާބޮޑު ބާރުތަކެއް އޮންނަ ކައުންސިލްތަކެއްނޫނެވެ. ނަމަވެސް ސަރުކާރުގެ ޕްލޭންތަކާ އެއްގޮތަށް ކަންކަން ކުރުމުގެ އިޚްތިޔާރު މިކައުންސިލްތަކަށް އޮވެ އެވެ. މި ކައުންސިލްތަކުގެ ވެސް ބައެއް މެންބަރުންނަކީ އައްޔަން ކުރެވޭ މެންބަރުންނެވެ. ސައޫދީ މުނިސިޕަލް ކައުންސިލްތަކުގެ އިންތިޚާބުގައި 6000 ފިރިހެނުންނާ އެކު އެއްހާސް އަންހެނުން ވާދަކޮށްފައިވެ އެވެ. މުނިސިޕަލް ކައުންސިލްތަކުގެ އަދަދަކީ 284 އެވެ. ސައޫދީގައި ބާއްވާ ހަމައެކަނި އިންތިޚާބަކީވެސް މުނިސިޕަލް ކައުންސިލްތަކުގެ އިންތިޚާބެވެ. (ނޫސްއެޖެންސީތައް)