14 Dec 2015, 11:39
އިނގިރޭސީ ޕްރިމިއާލީގުގައި ރޭ އެސްޓަން ވިލާ އަތުން މޮޅުވެ ތާވަލުގެ އެއް ވަނައަށް އާސެނަލް އަށް އާދެވުނީ ކުޅުންތެރިންގެ ފަރާތުން ހުއްޓުމެއް ނެތި ކުރި ބުރަމަސަތްކަތުން ކަމަށް އެ ޓީމުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.
އެސްޓަންވިލާގެ އަމިއްލަ ދަނޑުގައި 0-2ގެ ނަތީޖާއަކުން އާސެނަލް މޮޅުވި މެޗަށް ފަހު ވެންގާ ބުނީ މެޗުތަކުން މޮޅުވުމުގެ ސިއްރަކީ ކުޅުންތެރިންގެ ހިތްވަރާ އެކު މޮޅުވުމަށް މަސަތްކަތް ކުރުން ކަމަށާއި އޭނާގެ ޓީމާ މެދު ފަޚްރުވެރިވާ ކަމަށެވެ. އަދި އެއްވަނާގައި ލީޑް ދަމަހައްޓަން ގިނަ މަސަތްކަތް ތަކެއް ކުރަން ޖެހޭ ކަމަށް ވެސް ވެންގާ ބުންޏެވެ.
"އަހަރެން މިހުރީ ވަރަށް އުފާވެ ހިތްހަމަ ޖެހިފައި ކުޅުންތެރިންގެ ފަރާތުން މެޗުން މޮޅުވުމަށް ކުރި މަސަތްކަތް ފެނިފައި. އެއީ އާސެނަލްގެ ފަރާތުން މީހުން ބަލަން ބޭނުން ވާ މަންޒަރަކީ،" ވެންގާ ބުންޏެވެ.

އިންގިލިޝް ޕްރިމިއާލީގްގައި ރޭ އެސްޓަން ވިލާ އާއި އާސެނަލް ކުޅުނު މެޗްގައި އާސެނަލް ގެ ރަމްސޭ ލަނޑު ޖެހުމަށް ފަހު އޮޒިލް އާ އެކު އުފާފާޅުކުރަނީ --- ފޮޓޯ:އޭޕީ
ރޭގެ މެޗުގައި އާސެނަލްގެ ފަރާތުން ފެނިގެން ދިޔަ ދެ ގޯލް ވެސް ފެނިގެން ދިޔައީ ފުރަތަމަ ހާފުގަ އެވެ. އެގޮތުން ފުރަތަމަ ލަނޑު އަށް ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބް ކޮށްދިނީ މި ސީޒަނުގައި އެންމެ ރަނގަޅު ފޯމެއްގައި އާސެނަލް އަށް ގިނަ ގޯލްތަކެއް ކާމިޔާބް ކޮށްދެމުން އަންން އޮލިވާ ޖިރޯޑް އެވެ.
ދެވަނަ ގޯލް ފުރަތަމަ ހާފްގެ 38 ވަނަ މިނެޓްގައި އޮޒިލް ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ރަމްސޭ އެވެ.
ވެނެގާ ބުނީ ފުރަތަމަ ހާފް ކޮންޓްރޯލް ކޮށްގެން އާސެނަލް އިން މޮޅަށް ކުޅެ ދެ ގޯލް ކާމިޔާބު ކުރި ނަމަވެސް ދެވަނަ ހާފްގައި އެ ޓީމްގް ފަރާތުން ގޯލެއް ފެނިގެން ނުދިޔައީ މިދިޔަ ބުދަ ދުވަހުގެ ރޭ ވަރުގަދަ މެޗެއް ކުޅެ ކުޅުންތެރިން ކޮންމެ ވެސް ވަރަކަށް ވަރުބަލި ވެފައިވާތީ ކަމަށެވެ.

އިންގިލިޝް ޕްރިމިއާލީގްގައި ރޭ އެސްޓަން ވިލާ އާއި އާސެނަލް ކުޅުނު މެޗްގެ ތެރެއިން --- ފޮޓޯ:އޭޕީ
"ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފް ފެނިގެން ދިޔައީ ތަންކޮޅެއް އުނދަގޫ ކޮށް. އިދިކޮޅު ޓީމުން ވެސް އެ މީހުންގެ ކުޅުން ރަނގަޅުކޮށް ނުރަށްކާ ކުރަން މަސަތްކަތް ކޮށްފައިވަނީ. ނަމަވެސް ވަރުބަލިވެފައި ތިބި އަހަރެންގެ ކުޅުންތެރިންގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔައީ،" 1996 އިން ފެށިގެން އާސެނަލްގެ ކޯޗްގެ ގޮތުގައި މަސަތްކަތް ކުރަމުންދާ ވެންގާ ބުންޏެވެ.