14 Dec 2015, 09:44
އައްޑޫ ސިޓީގެ ހުޅުމީދޫގައި ހައި ކޯޓު ދެކުނު ގޮފި ގާއިމްކޮށް، އަންނަ ބުދަ ދުވަހުން ފެށިގެން ޝަރީއަތްތައް ފެށުމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ގަރާރެއްގައި ބުނެފައި ވަނީ އިއްޔެ ބޭއްވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން، މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ހައި ކޯޓުގެ ދެކުނު ގޮފީގައި ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ގަރާރުގައި ބުނެފައި ވަނީ ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން ހައި ކޯޓުގެ ދެކުނު ގޮފި ގާއިމުކޮށްފައިވާ ކަމަށާއި، އެ ގޮފީގައި ޝަރީއަތްތައް ހިންގުމަށް ޓަކައި އިދާރީ ގޮތުން ކުރަން ޖެހޭ އިންތިޒާމުތައް ވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
ހައި ކޯޓުގެ ދެކުނު ގޮފި ގާއިމުކޮށްފައިވާ އިރު ސުޕްރީމް ކޯޓުން ވަނީ އެ ގޮފީގެ އިސް ފަނޑިޔާރަކަށް، ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ކަނޑައަޅާފަ އެވެ.
ފަނޑިޔާރު ޣަނީގެ އިތުރުން ހައި ކޯޓުގެ ދެކުނު ގޮފީގައި ދެން ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.
ކޯޓުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން މާލޭގައި ހުންނަ ހައިކޯޓަށް ހުށަހެޅޭނީ ހަމައެކަނި މާލެ، ވިލިމާލެ، ހުޅުމާލެ، ޅ. ކ. އއ. އދ. ވ. މ. ފ. ދ. ލ. މި އަތޮޅުތަކުގެ ކޯޓުތަކުން ނިންމާ ނިންމުންތައް އެކަންޏެވެ.
ހައި ކޯޓުގެ ދެކުނު ގޮފިން ބަލާނީ އައްޑޫ ސިޓީ އާއި ގދ. އަދި ފުވައްލުމަކުގައި ހުންނަ ފުރަތަމަ މަރުހަލާގެ ކޯޓުތަކާއި ޓުރައިބިއުނަލްތަކުން ނިންމާ މައްސަލަތަކެވެ.
ކޯޓުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ކުޅުދުއްފުށީގައި ގާއިމުކުރަން ޖެހޭ ކަމަށް ގާނޫނުގައި ބުނާ ހައި ކޯޓުގެ އުތުރު ގޮފި މިހާތަނަށް ގާއިމްކޮށްފައެއް ނުވެ އެވެ. އަދި އެގޮތްޕަށް ފަނޑިޔާރުން ވެސް ހަމަޖައްސާފައެއް ނުވެ އެވެ. އެކަމުގެ ސަބަބުން ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. ނ. ރ. އަދި ބ. އަތޮޅުގެ ރައްޔިތުން ވަނީ އިސްތިއުނާފު ކުރުމުގެ ހައްގުން މަހުރޫމްވެފަ އެވެ.