14 Dec 2015, 09:53
އިސްލާމްއާބާދު (ޑިސެމްބަރު 14) : ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ވިލެޖެއް ކަމަށްވާ ބަރަޗީނާރުގައި ޓެރަރިސްޓް ޙަމަލާތަކެއް ދީގެން 24 މީހުން މަރާލައި 70 މީހުން ޒަޚަމްކޮށްލުމުގެ ޒިންމާ އެ ގައުމުގެ ހައްދު ފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ އަސްކަރު ޖަންޖަވީ ޖަމާއަތުން އުފުލައިފި އެވެ.
މި ޙަމަލާތައް ދިނީ މީހުން އެއްވެ ތޮއްޖެހިފައިވާ ބާޒާރެއްގައި ބާރުގަދަ ބޮންތަކެއް ގޮއްވާލައިގެންނެވެ. ޕާކިސްތާނުގެ ސަލާމަތީ ބާރުތައް ބުނާ ގޮތުން މި ޙާދިސާގައި މުޅިން ވެސް މަރުވެފައި ވަނީ ބަރަޗީނާރުގެ ކުށެއް ނެތް އާންމުންނެވެ. މީގެ ތެރޭގައި ގިނައީ ޕާކިސްތާނުގެ ޝިޔައީންނެވެ. ބަރަޗީނާރަކީ ޝިޔައީންގެ އަޣްލަބިއްޔަތު އޮންނަ ސަރަހައްދެކެވެ. ޖަންޖަވީ ޖަމާއަތުން ބުނީ މިއީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރުން ސޫރިޔާގެ ސުންނީންނާ ދެކޮޅަށް ދެމުންގެންދާ ޙަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ޕާކިސްތާނުގެ ޝިޔައީންނަށް އަމާޒުކޮށް ދިން ޙަމަލާތަކެއް ކަމުގަ އެވެ. ޕާކިސްތާނުގެ ޝިޔައީންގެ ގިނަ ބަޔަކު މަރުވުމުން މި ހަމަލާގެ މަގްސަދު ޙާސިލް ވެފައިވާކަމަށް ވެސް އަސްކަރު ޖަންޖަވީ ޖަމާއަތުން ބުނެފައިވެއެވެ.
ޕާކިސްތާނުގެ އަސްކަރު ޖަންޖަވީ ޖަމާއަތަކީ އިރާގާއި ސޫރިޔާގެ ބޮޑުބައެއް ހިފައިގެންއުޅޭ ހައްދުފަހަނަޅާފައިވާ އައިއެސް ޖަމާއަތުގެ ތަކްފީރީ ފިކުރާއި ބަދަލު ހިފުމުގެ އައިޑިއޮލޮޖީއަށް ތާއީދުކުރާ ސުންނީ ޖަމާއަތެކެވެ. ޕާކިސްތާނު ސިފައިންވެސް މި ޖަމާއަތް ނައްތާލުމަށް ހަނގުރާމަ ކުރަމުން ގެންދެއެވެ. ފާއިތުވި އަހަރުތަކުގައި މިޖަމާއަތުގެ އިސް ބައެއް ލީޑަރުން މަރާލުމުގައި ޕާކިސްތާން ސިފައިން ވަނީ ކާމިޔާބު ހޯދާފައެވެ.
ބަރަޗީނާރުގައި ބޮންގޮއްވީ އެރަށަށް ނިސްބަތްވާ ޝިޔައީ ޖަމާއަތެއްގެ ހަނގުރާމަވެރިންގެ ބަޔަކު އައިއެސް އާ ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި ސޫރިޔާއަށް ދިޔުމަށް ތައްޔާރުވަމުންދާތީ ކަމަށްވެސް އަސްކަރު ޖަންޖަވީ ޖަމާއަތުން ބުނެފައިވެއެވެ. ޕާކިސްތާނަކީ ސުންނީންނާއި ޝިޔައީންގެ މަޛްހަބީ އަދި ތާއިފީ ހަނގުރާމަ ވަރަށްބޮޑަށް ހިނގަމުންދާ ގައުމެކެވެ. މިހަނގުރާމަ ކުރަމުން ގެންދާއިރު ކޮންމެ ބަޔަކުވެސް އަނެއްބަޔަކު ސިފަކުރަނީ ކާފަރުންގެ ގޮތުގައެވެ. އަދި ބަދަލުހިފުމުގެ މިހަނގުރާމަ ޕްރޮމޯޓް ކުރުމަށްޓަކައި މިއީ ޖިހާދު ކަމަށްބުނެ ކޮންމެ ބަޔަކުވެސް އެބައެއްގެ ކޮޅަށް ޒުވާނުން އަނބުރައި ޓެރަރިސްޓް ހަރަކާތްތަކުގައި ބައިވެރި ކުރުވުމަށް ދީން ހަތިޔާރަކަށް ހަދަމުން ގެންދެއެވެ. ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ސަރަހައްދުތަކަކީ ގަބީލާތަކުގެ ސަރަހައްދެކެވެ. އެސަރަހައްދަށް ޕާކިސްތާން ސަރުކާރުގެ މާބޮޑު ބާރެއް ނުހިނގައެވެ. (ނޫސްއެޖެންސީތައް)