10 Apr 2011, 18:15
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެދިވަޑައިގެންނެވި ބަދަލު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލަށް މިހާރު ގެންނަވާފައިވާނެ ކަމަށް އެ ބިލް ދިރާސާކުރާ ކޮމިޓީގެ މުގައްރިރު ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝިދު ވިދާޅުވެއްޖެ އެވެ.
އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ފަހު ސަން އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރިޔާޒު ވިދާޅުވީ، ބިލުގައި މެންބަރުން ކަންބޮޑުވާ އިތުރު ކަންކަން ހިމެނޭ ނަމަ، ކުރިއަށް އޮތް ކޮމިޓީ ބައްދަލުވުންތަކުގައި އެ ކަންތައްތައް ވެސް އިސްލާހު ކުރައްވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ތަސްދީގު ކުރެއްވުމަށް ރައީސް ނަޝީދަށް ފޮނުވުމުން، ގާނޫނު އަސާސީ އާ ތައާރަޒުވާ ކަންތައްތައްކެއް އެ ބިލުގައި ހުރިކަން ފާހަގަކުރައްވައި ބިލު ތަސްދީގު ނުކުރައްވައި މަޖިލީހަށް ވަނީ ފޮނުއްވައި ލައްވައިފަ އެވެ.
އެބިލު ދިރާސާކުރާ ކޮމިޓީގެ މިއަދުގެ ބައްސަލުވުމުގައި، ރައީސް ނަޝީދު ފާހަގަ ކުރައްވާފައިވާ ކަންތައްތަކުގެ ތެރެއިން، މަޖިލީހުގެ މެންބަރަކު މަޖިލީހުގެ ޖަލްސާ އަށް ވަޑައިގަންނަވަނިކޮށް ނުވަތަ ޖަލްސާ އިން ގެއަށް ވަޑައިގަތުމުގެ މަގުމަތީގައި، ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރު ނުކުރެވޭނެ ކަމަށް ބުނާ މާއްދާ ވަނީ އުވާލައިފަ އެވެ. އެ މާއްދާ އުވައިލަން ހުށަހަޅުއްވަމުން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ، ދާންދޫ ދާއިރާގެ މުހައްމަދު ރިޔާޒު ވިދާޅުވީ، މަޖިލީހުގެ މެންބަރެއް ކަމަށް ވިޔަސް މީހަކު މެރުމާއި ކުޑަ ކުއްޖަކާމެދު ޖިންސީގުޅުން ނުހިންގާނެ ކަމަށް މިހާރު ބެލެވެން ނެތް ކަމަށެވެ.
އަދި އެފަދަ ޖިނާއީ ކުށެއްކުރާ މީހަކު ކުށުގެ ވެށިން ހައްޔަރު ކުރުމުގެ ފުރުސަތު ފުލުހުންނަށް ލިބެންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން މަޖިލީސް މެންބަރުންނާއި މަޖިލީހުގެ އިއްޒަތާއި އަބުރަށް ހުތުރުވާގޮތަށް ހުތުރުބަހުރުވައިން އެއްޗެހި ކިއުމަކީ އިމްތިޔާޒަށް އަރައިގަތުންކަމަށް ބިލުގައިވާ މާއްދާ ވެސް ވަނީ އުވައިލައިފަ އެވެ. ނަމެވެސް ބިލުގައި ކަނޑައަޅާފައިވާ ކުށްތަކަށް، ދިނުމަށް ކަނޑައަޅާފައިވާ އަދަބުތައް ލުއި ކުރުމަށް، ބޮޑު ކޯރަމެއްގައި ބަހުސް ކުރުމަށް ވެސް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުން ވަނީ ނިންމައިފަ އެވެ.
"މި ބިލުގައި ކަނޑައަޅާފައިވާ އަދަބުތަކަކީ ބޮޑު އަދަބުތަކެއް. އެހެންކަމުން އެކަމާ މެދު ތަންކޮޅެއް ބޮޑު ކޯރަމެއްގައި ވާހަކަ ދައްކައިގެން ގޮތެއް ނިންމުމަށް ފަހަށް ބާއްވާނީ،" ކޮމިޓީގެ މުގައްރިރު ރިޔާޒު ރަޝީދު ވިދާޅުވި އެވެ.
ރައްޔޮތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލުގައި، އެ ބިލުގައި މަޖިލީހާއި މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒަށް އުނިކަމެއް ލިބޭފަދަ ކުށްކުރާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ވަނީ ހިމަނައިފަ އެވެ. އޭގެ ތެރޭގައި 10،000 ރުފިޔާ އާއި 100000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމާއި، ހަ މަހާއި ދެ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ހިމެނެ އެވެ.
އިންތިޔާޒުގެ ބިލުގައި މަޖިލިސް މެންބަރުންނަށް ބޮޑެތި އިމްތިޔާޒުތަކެއް ލިބިފައިވާ ކަމަށް ބުނެ ބައެއް މަދަނީ ޖަމިއްޔާތަކުން ވަނީ މީޑީޔާގައި ކެމްޕެއިނެއް ފަށައިފަ އެވެ. އެމީހުން ބުނާ ގޮތުގައި އެފަދަ ބޮދެތި އިނާޔަތްތަކެއް މަޖިލީހުގެ މެންބަރުންނަށް ލިބިގެނެއްނުވާނެ އެވެ.