ހައި ކޯޓުގެ ދެކުނު ގޮފީގެ އިސްފަނޑިޔާރު ކަމަށް، ފަނޑިޔާރު އަލްއުސްތާޛް އަބްދުލްޣަނީ މުހައްމަދު އިއްޔެ ހަމަޖައްސައިފި އެވެ.

ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ގަރާރެއްގައި ވަނީ ހައިކޯޓުގެ ދެކުނު ގޮފީގެ އިސް ފަނޑިޔާރު ކަމަށް ޣަނީ ހަމަޖައްސާފައި ވަނީ ކޯޓުތަކާ ބެހޭ ގާނޫނުގެ 35 ވަނަ މާއްދާގެ (ޅ) އާއި ފަނޑިޔާރުން ހަމަޖެއްސުމުގައި ބަލަންޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށާއި ގާނޫނު އަސާސީގެ 141 ވަނަ މާއްދާ އާއި ޝަރުއީ ހަމަތަކުގެ މައްޗަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ.

އެ ނިންމުމަކީ އިއްޔެ ބޭއްވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ނިންމި ނިންމުމެއް ކަމަށް ވެސް ސުޕްރީމް ކޯޓުން ބުންޏެވެ.

ހައި ކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރު ކަމަށް ޣަނީ ހަމަޖެއްސީ އޮކްޓޫބަރު މަހުގެ ފަހު ކޮޅު، އޭރު ދެކުނު ގޮފީގެ ފަނޑިޔާރު އައްބާސް ޝަރީފް ރިޓަޔާ ކުރެއްވުމުން އޭނާގެ ބަދަލުގަ އެވެ.

ފަނޑިޔާރު ޣަނީގެ އިތުރުން ހައި ކޯޓުގެ ދެކުނު ގޮފީގައި ދެން ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.

ހައިކޯޓުގެ ދެކުނު ގޮތްޕަށް ފަނޑިޔާރުން ހަމަޖެއްސި ނަމަވެސް އެ ގޮފި މިހާތަނަށް ގާއިމް ކޮށްފައެއް ނުވެ އެވެ. އެހެންވުމުގެ ސަބަބުން އައްޑޫ ސިޓީ އާއި ފުވައްމުލަކު ގއ. އަދި ގދ. އަތޮޅުގެ ރައްޔިތުން މިވަނީ އިސްތިއުނާފުކުރުމުގެ ހައްގުން މަހުރޫމްވެފަ އެވެ.