14 Dec 2015, 09:34
ބޮލީވުޑްގެ މަޝްހޫރު ތަރި ސަނީ ޑިއޯލްގެ ދެ ދަރިން ފިލްމީ ދާއިރާއަށް ނުކުންނަން ބޭނުންވާ ކަމަށް ބުނެފި އެވެ.
"ކަރަން އާއި ރާޖްވީރް، ދެ ކުދިންވެސް ބޭނުން ވަނީ އެކްޓަރުންނަށް ވާން،" ސަނީ ޑިއޯލް ބުންޏެވެ.
ސަނީ ބުނީ އޭނާގެ ދެ ދަރިންވެސް ފިލްމީ ދާއިރާއަށް ޝައުގުވެރިކަން ހުންނާތީ އެ ދެ ކުދިން ވެސް އެ ދާއިރާ އަށް ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ތައާރަފު ކުރާނީ ކަރަން ކަމަށެވެ.
"ކަރަން އަށް އަންނަ އަހަރު 24 އަހަރު ފުރުނީމަ، އޭނާ ފިލްމީ ދާއިރާއަށް ތައާރަފް ކުރާނަން. އެ ފިލްމު ޑައިރެކްޓް ކުރާނީ އަހަރެން. އެއަށްފަހު ރާޖްވީރް ފިލްމީ ދާއިރާއަށް ނެރުމުގެ މަސައްކަތް ކުރާނަން،" ސަނީ ބުންޏެވެ.
ސަނީގެ ދެ ދަރިން ވެސް ފިލްމީ ދާއިރާއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު، އެ އާއިލާގެ ގިިނަ މެމްބަރުންނަކީ އެ ދާއިރާގައި ހަރަކާތްތެރި ވާ މީހުންނެވެ.
އެގޮތުން 2000 ގެ އަހަރު ތަކުގައި ބެލުންތެރިގެ މަގުބޫލުކަން ހޯދާފައިވާ ބޮބީ ޑިއޯލްގެ އިތުރުން ކުރީގެ ފިލްމުތަކުގައި ރަސްކަން ކުރި ސަނީގެ ބައްޕަ ދަރްމެންދްރަ ފާހަގަ ކޮށްލެވެއެވެ.
ފަހަކަށް އައިސް ބޮބީ އެއްވެސް ފިލްމަކުން ނުފެންނާތީ ބޮބީ އަށް ހާއްސަކޮށްގެން ފިލްމެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ސަނީ އާއި ދަރްމެންދްރަ ވަނީ ބުނެފައެވެ.
އެހެންކަމުން ސަނީގެ ދަރިފުޅު ކަރަން ފެނިގެންދާނީ ބޮބީ ޑިއޯލް އަށް ހާއްސަކޮށްގެން އުފައްދާ ފިލްމުން ކަމާއިމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.