ރާއްޖެ ވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ބަދަލުކޮށް، އެމަނިކުފާނު "އަޒުލް" ކުރުމަށްފަހުގައި ކަމަށް އިނގިރޭސީވިލާތަށް އަމިއްލައަށް އަރުވާލެވިގެން ހުންނެވި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ލަންޑަންގައި ހުންނަވައި ސުކައިޕް މެދުވެރިކޮށް ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ރޭ ވިދާޅުވީ 2018 އަންނަންދެން މަޑު ކުރެވެން ނެތް ކަމަށާއި މި މަހުގެ 31އަށް "ސުލްހަ ގާއިމް" ނުކޮށްފި ނަމަ ޖެނުއަރީން ފެށިގެން ރައީސް ޔާމީން ވެރިކަމުން އަޒުލް ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. ވެރިކަން ބަދަލު ކުރާނީ ގާނޫނީ އުސޫލާއި ތަރަހައިގެ ތެރެއިން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރާއްޖެ ދާންނަން. ރައީސް ޔާމީންގެ ވެރިކަން އަޒުލުކޮށްގެން އަޅުގަނޑުމެން ރާއްޖެ ދާނީ،" މޭޑޭ މުޒާހަރާއަށް ފަހު އިނގިރޭސީވިލާތަށް އަމިއްލައަށް އަރުވާލެވިގެން ހުންނެވި އަލީ ވަހީދު ވިދާޅުވި އެވެ.

ރިޔާސީ ލޯންޗުކޮޅުގައި ބޮމެއް ގޮވި ހާދިސާގެ ތަހުގީގަށް އިޝާރާތްކޮށް އަލީ ވަހީދު ވިދާޅުވީ އެ ތަހުގީގު އިންސާފުވެރިނުވާނެ ކަމަށެވެ.

އަލީ ވަހީދާ އެކު ލަންޑަންގައި ހުންނެވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދެއްކެވި އެވެ.

ރާއްޖޭގެ ރައްޔިތުންގެ ހަވާލުކުރި ދުސްތޫރީ ވެރިކަން ރައީސް ޔާމީން ނުކުރައްވާ ކަމަށާއި އެމަނިކުފާނު ސަރުކާރު ހިންގަވަމުން ގެންދަވަނީ އަމިއްލަ ކުންފުންޏެއް ހިންގާ ގޮތަށް ކަމަށް ޖަމީލު ވިދާޅުވި އެވެ. ރައީސް ޔާމީނަކީ މިހާތަނަށް ރާއްޖޭގެ ވެރިކަމާ ހަވާލުވި އެންމެ ކަންނެތް ރައީސް ކަމަށް ވިދާޅުވެ، ޖަމީލު ވިދާޅުވީ ގައުމަށް މަންފާވާ ގޮތަށް ކަންކަން ކުރުމުގެ ބަދަލުގައި އަމިއްލަ ފައިދާއަށް ރައީސް ޔާމީން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރާއްޖެއަށް އިގްތިސާދީ ގޮތުން ކުރިއެރުމެއް ނުލިބޭ ކަމަށާއި އިގްތިސާދީ ގޮތުން ކުރިއެރުން ލިބެނީ ރައީސް ޔާމީންގެ އާއިލާއަށް ކަމަށް ޖަމީލު ތުހުމަތު ކުރެއްވި އެވެ.

ޖަމީލު ވިދާޅުވީ ނައިބު ރައީސަކަށް އޭނާ ހުންނެވިއިރު، ސަރުކާރުގެ ތެރެއިން ހިންގާ ކޮރަޕްޝަންގެ މައުލޫމާތު ރައީސް ޔާމީނާ ހިއްސާ ކުރައްވާ ކަމަށާއި ނަަމަވެސް ރައީސް ޔާމީން އެކަމަށް ދެއްވަނީ ފިނި ޖަވާބެއް ކަމަށެވެ.

އެގޮތަށް ރައީސާ ހިއްސާ ކުރެއްވި ހާދިސާއެއް ޑރ. ޖަމީލު ރޭ ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ ފުލުހުންނަށް ދީފައިވާ ރަށެއް، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މެދުވެރިކޮށް އުސޫލުން ބޭރުން އެއްވެސް ބިޑު ކުރުމެއް ނެތި ވިޔަފާރިވެރިއަކަށް ދިނުމުން، އެކަމުގެ ކަންބޮޑުވުން ރައީސާ ހިއްސާ ކުރެއްވި ކަމަށެވެ.

"ފުލުހުންނަށް ރައީސް ވަހީދުގެ ޒަމާނުގައި ދީފައި އޮތް ރަށެއް، އެ ރަށް ތަރައްގީ ކުރަން ރާއްޖޭގެ ކުންފުންޏަކަށް ދީފައި އޮތީ. އެހެންނަމަވެސް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔަކު ބޭނުންފުޅުވީ އެއީ އެމަނިކުފާނުގެ ވަރަށް ގިނަ ވިޔަފާރި ހިނގަމުންދާ އަތޮޅަކަށް ވާތީ، އެ ދޫކުރެވުނު ރަށް އެ ވިޔަފާރިވެރިޔާ ހޯދަން. ރާއްޖޭގެ ރަށްތައް މި ދޫކުރެވެނީ ގާނޫނީ ނިޒާމެއްގެ ތެރެއިން ބިޑުކޮށްގެން. އެކަމަކު ސީދާ ފުލުހުންގެ ތެރެއަށް އަދީބު ވަޑައިގެން އެމަނިކުފާނާއި ހުސައިން ވަހީދާ ދެބޭފުޅުން ވެގެން އެ ދުވަހުން ދުވަހަށް ބޯޑު ބާއްވާއި ދީފައި އޮތް ފަރާތަށް ބިޑު ބާތިލްކޮށްފައި މި ދެންނެވި ވިޔަފާރިވެރިޔާއަށް ދޭން، ބޮޑަށް ހުޅުވާލީއަކީ ވެސް ނޫން، އެހެން ބަޔަކު ކުރިމަތިލީއަކީ ވެސް ނޫން،" ޖަމީލު ވިދާޅުވި އެވެ.

"މިގޮތަށް ކަންތައް ދިމާވީމާ އަޅުގަނޑު ރައީސް ޔާމީނަށް ޓެކްސްޓް ކުރިން. އެއަށް ފަހު އަނެއް ދުވަހު ބައްދަލު ކުރިން. ބައްދަލުކޮށްފައި ދެންނެވި މިކަން މިހިނގަނީ ގާނޫނީ ގޮތަކުން ރަނގަޅު ގޮތަކަށް ނޫނޭ، މިކަން އެބަޖެހޭ ހުއްޓުވާދޭށޭ. ޖަވާބު ވަރަށް ސިމްޕަލް. ވިދާޅުވީ މިހާރު އެކަންތައް އެދިޔައީ އެކަން ކުރެވޭނެ ބައެއްގެ އަތަށޭ،"