14 Dec 2015, 00:57
ހަތް ދުވަސް ތެރޭގައި ތަމްރީންތަށް ފުރިހަމަ ކުރުމަށް ފަހު ސާފް ސުޒުކީ ޗެމްޕިއަންޝިޕަށް ދިއުމަކީ ދިމާވާނެ ޗެލެންޖެއް ކަމަށް ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗް ރިކީ ހާބަޓް ބުނެފިއެވެ.
ގައުމީ ޓީމް އިތުރު ތަމްރީން ހެދުމަށް މިރޭ މެލޭޝިއާ އަށް ފުރުމުކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ހާބަޓް ބުނީ ވަގުތު ކުޑަތަން ވެފައިވީ ނަމަވެސް މިހާރު މި ތިބަ ކުޅުންތެރިންނާއެކު މެލޭޝިއާގައި ތަމްރީންތައް ފުރިހަމަކޮށް ރަހްމަތްތެރިކަމުގެ މެޗްތަށް ކުޅުމުން އޭގެ ރަނގަޅު ފައިދާ ޓީމަށް ކުރާނެ ކަމަށެވެ.
ގައުމީ ފުޓްބޯޅަ ޓީމް މިރޭ މެލޭޝިއާއަށް ފުރުމުގެ ކުރިން އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީގެ މެމްބަރު އަލީ އުމަރާއި ކޯޗް ރިކީ ހާބަޓް ސަލާމް ކުރަނީ --- ސަން ފޮޓޯ: އަލީ ނަސީރު
"ޓީމް ކޭމްޕް މި ކުރަނީ ހަތް ދުވަހަށް. އަހަރެންނަކީ ޗެލެންޖްތަކާއި ކުރިމަތިލާހިއްވާ މީހެއް. އަހަރެން ނުދެކެން އެއަކީ މާ ބޮޑު މައްސަލަ އެއް ކަމެއް. މާލޭގައި ވެސް ވަރަށް ގިނަ ފަރިތަކުރުން ތަށް ކުރިއަށް ގެންދިޔައިން. ޓީމް އޮތީ ވަރަށް ރަނގަޅު ފޯމެއްގައި. ކުޅުންތެރިން ވަރަށް ބުރަކޮށް މަސަތްކަތް ކުރީ،" ހާބަޓް ބުންޏެވެ.
ހާބަޓް ބުނީ ގިނަ ކުޅުންތެރިންތަކެއްގެ ސްކޮޑަކުން ރަނގަޅު ޓީމެއް ނަގަން އޭނާއަށް ފަސޭހަ ވާނެ ކަމަށާއި އަދި ޒުވާން ގިނަ ކުޅުންތެރިން ތަކެއް ހިމެނިފައިވާތީވެ މުސްތަގްބަލްގައި ރަނގަޅު ޓީމެއް އުފައްދަން ފަސޭހަ ވާނޭ ކަމަށެވެ.
" ކުރިއަށް އޮތީ ޒުވާން ޓީމަށް ސައުތު އޭސިއަން ގޭމްސް. އެހެން ކަމުން އަހަރެންނަށް ވަރަށް ފަސޭހަ ވެގެން ދާނެ ޒުވާން ގިނަ ކުޅުންތެރިންނާއި އެކު ފަރިތަކުރުންތަށް ގެންދިއުމުން،" ހާބަޓް ބުންޏެވެ.

ގައުމީ ޓީޟް ސާފް ސުޒުކީ ޗެމްޕިއަންޝިޕަށް ކޭމްޕް ކުރުމުގެ ގޮތުން މެލޭޝިއާއަށް ފުރުމުގެ ކުރިން ކުރީގެ ގައުމީ ޓީމްގެ ކެޕްޓަން އަސްއަދު މީޑިއާއާ ވަހަކަ ދައްކަނީ --- ސަން ފޮޓޯ: އަލީ ނަސީރު
ކުރީގެ ގައުމީ ޓީމްގެ ކެޕްޓަން އަސްއަދު އަބްދުލް ޣަނީ ބުނީ މަދު ދުވަސް ކޮޅަކަށް ކޭމްޕް ކުރިނަމަވެސް ގިނަ މެޗްތަކެއް ކުޅެން ލިބުމުން ޓީމަށް ފައިދާ ވެގެން ދާނެ ކަމަށާއި މި ސްކޮޑްގައި ހިމެނޭ ޒުވާން ކުޅުން ތެރިންނަކީ މިހާރު ރާއްޖޭގެ ކުލަބުތަކުން ނެގޭނެ އެންމެ ރަނގަޅު ކުޅުންތެރިން ކަމަށެވެ.
މިރޭ ގައުމީ ޓީމް މެލޭޝިއާއަށް ފުރާފައިވާ އިރު ފުރަތަމަ މެޗުގައި މާދަމާ ވާދަކުރާނީ ޔޫއައިޓީއެމްއާ އެވެ. ދެ ވަނަ މެޗުގައި ބުދަ ދުވަހު ބައްދަލުކުރާނީ، މިދިޔަ އަހަރު މެލޭޝިއަން ޕްރިމިއާ ލީގު ކާމިޔާބުކުރި ޕީޑީއާރްއެމްއާ އެވެ. އަދި ފަހު މެޗުގައި ނެގެރީ ސެމްބިލާންއާ ދެކޮޅަށް ނުކުންނާނީ ހޮނިހިރު ދުވަހު އެވެ. އެއަށް ފަހު 20 ވަނަ ދުވަހު ޓީމް އެނބުރި މާލެ އައުމަށް ފަހު ފައިނަލް ސްކޮޑާއި އެކު 22 ވަނަ ދުވަހު ސާފް ސުޒުކީ ކަޕަށް އިންޑިއާގެ ޓްރެވެންޑުރަމް އަށް ފުރާނެއެވެ.
އެ މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު އޮންނާނީ 24 ވަނަ ދުވަހު ބޫޓާނާ ދެކޮޅަށެވެ.