ސާފް ސުޒުކީ ކަޕަށް ތައްޔާރުވުމުގެ ގޮތުން އިތުރު ތަމްރީންތައް ހެދުމަށް ގައުމީ ފުޓްބޯޅަ ޓީމް މިރޭ މެލޭޝިއާއަށް ފުރައިފި އެވެ.

މިމަހުގެ 23 އިން އަންނަ ޖެނުއަރީ ތިނެއްގެ ނިޔަލަށް އިންޑިއާގެ ޓްރިވެންޑުރަމްގައި ބާއްވާ ސާފް ސުޒުކީ ކަޕަށް ނެގި 30 ކުޅުންތެރިންގެ ސްކޮޑާއެކު އެފްއޭއެމް އިން އެންމެ ފުރަތަމަ މަސަތްކަތް ކުރީ އަރަބި ގައުމަކަށް ދިއުމަށެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާއި ގުޅިގެން އެންމެ ފަހުން ގައުމީ ޓީމް މެލޭޝިއާއަށް ފުރާފައިވާއިރު އެ ކޮޅުގައި އެކުވެރިކަމުގެ ފަސް މެޗު ކުޅުމަށް އެފްއޭއެމުން އަންނަނީ މަސަތްކަތް ކުރަމުންނެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް އާދިލް ޖަލީލް 'ސަން'އަށް މިއަދު ވިދާޅުވީ ފަސް މެޗްގެ ތެރެއިން ތިން މެޗު މިހާރު ޔަގީން ވެފައިވާ ކަމަށާއި އަދި އަނެއް ދެ މެޗް ވެސް މެލޭޝިއާގައި ކުޅުމަށް މަސަތްކަތް ކުރަމުން އަންނަ ކަމަށެވެ.

"މިހާރު ތިން މެޗް އޮތީ ޔަގީން ވެފައި. އެއީ ގައުމީ ކެޕްޓަން އަޝްފާގް ކުޅެމުން އަންނަ ޕީޑީއާރުއެމް އެފް އާއި ޔޫއައިޓީއެމްގެ އިތުރުން ނެގްރީ ސެމްބިލަން އާ ދެ ކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗް،" ބައްސާމު ވިދާޅުވިއެވެ.

ގައުމީ ފުޓްބޯޅަ ޓީމް މިރޭ މެލޭޝިއާއަށް ފުރުމުގެ ކުރިން އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީގެ މެމްބަރު އަލީ އުމަރާއި ކޯޗް ރިކީ ހާބަޓް ސަލާމް ކުރަނީ --- ސަން ފޮޓޯ: އަލީ ނަސީރު

ބައްސާމް ވިދާޅުވީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް މެލޭޝިއާގެ ކުއާލަމްޕޫރުގައި ތަމްރީން ހެދުމަށް ފަހު ޓީމު އެނބުރި ރާއްޖެ އަންނާނީ އެރޭ ކަމަށާއި ޓްރިވެންޑްރަމަށް ފުރާނީ 22 ވަނަ ދުވަހު ކަމަށެވެ.

ޖުމުލަ 30 ކުޅުންތެރިންގެ ސްކޮޑަކާއެކު ޓީމު މިރޭ ފުރިއިރު ތަމްރީންތަކަށް ފަހު 23 ވަނަ ދުވަހު ފަށާ އެ މުބާރާތަށް ދާނީ ފައިނަލް ސްކޮޑާ އެކު އެވެ.

އެ މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު އޮންނާނީ 24 ވަނަ ދުވަހު ބޫޓާނާ ދެކޮޅަށެވެ.

ވޭތުވެ ދިޔަ 10 ވަރަކަށް އަހަރު ވެސް ގައުމީ ޓީމު ގިނައިން ކޭމްޕްކޮށްފައި ވަނީ ތައިލެންޑާއި މެލޭޝިއާގަ އެވެ. ނަމަވެސް ވޯލްޑް ކަޕް ކޮލިފައިންގައި ގަތަރާ ދެކޮޅަށް ކުޅުނު މެޗަށް ތައްޔާރުވުމަށް ގައުމީ ޓީމު ވަނީ ދެކުނު ކޮރެއާގައި ކޭމްޕްކޮށް ތަމްރީން ހަދައިފަ އެވެ.