10 Apr 2011, 18:01
ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، އެމްޑީޕީ އަށް ލިބިފައި ވަނީ އެކަށީގެންވާ ނަތީޖާއެއް ނޫން ކަމަށާއި އެކަމުގެ ފުރިހަމަ ޒިންމާ ޕާޓީގެ ރިޔާސަތުން [ޕާޓީގެ ވަގުތީ ރައީސް އިބްރާހިމް ހުސެއިން ޒަކީ] ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް އެ ޕާޓީގެ ރައީސްކަށް ވާދަކުރައްވާ ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެ އެވެ.
"ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 12 އަތޮޅު އަޅުގަނޑުމެން ޕާޓީ އަތުން ދޫވެގެން ދިއުމުގައި ޕާޓީގެ ރިޔާސަތުން އެކަމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނެ،" މިއަދު ފަންސަވީހުގައި އޮތް ނޫސްކޮންފަރެންސެއްގައި ޑީޑީ ވިދާޅުވި އެވެ.
ޑރ. ޑީޑީ ވިދާޅުވީ، ސަރުކާރުން ކޮންމެ އަހަރަކު ޕާޓީއަށްދޭ ބަޖެޓްގެ ކޮންމެވެސް ޕަސެންޓެއް އަތޮޅުތަކުގެ ގޮފިތަކަށް ހަރަދު ކުރުމަށް، މީގެ ތިން އަހަރު ކުރިން ޕާޓީގެ ގައުމީ ޖަލްސާ އިން ފާސްކޮށްފައިވާ ގަރާރަށް އަމަލު ނުކުރުމުގެ ސަބަބުން އަމިއްލަ ފަރާތްތަކުގެ ޖީބުން ގޮފިތައް ހިންގަން ޖެހުމާއި ސަރުކާރުން ރައްޔިތުންނަށްދޭ ހިދުމަތްތައް ލުއިފަސޭހަ ގޮތެއްގައި ލިބިދިނުމަށް، ޕާޓީގެ ރިޔާސަތާއި ސަރުކާރުގެ މުއައްސަސާތައް ގުޅިގެން މަސައްކަތް ނުކުރުމުގެ ސަބަބުން ރައްޔިތުން މާޔޫސްވެފައިވުން ވެސް، އެމްޑީޕީ އަށް އެކަށީގެންވާ ކާމިޔާބު ނުލިބުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ޕާޓީގެ ރިޔާސަތުގެ ސިޔާސަތުގެ ސަބަބުން މަޖިލީހުގެ ބައެއް ގޮނޑިތައް އެމްޑީޕީ އަށް ގެއްލި ފައިވާކަން ފާހަގަ ކުރައްވައި، ޑރ.ޑީޑީ ވިދާޅުވީ، އެކަމުގެ ސަބަބުން މަޖިލީހުގެ އަޣްލަބިއްޔަތު ގެއްލިފައިވުން އެއީ މިއަދު ސަރުކާރަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.
"މިއަދު އަޅުގަނޑުމެންގެ ސަރުކާރަށް، އަޅުގަނޑުމެންގެ ޕާޓިއަށް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު އަޅުގަނޑުމެންގެ ޕާޓީއަށް ނެތުމުގެ މައްސަލަ. ސަރުކާރު ހިންގުމަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ އެއީ. އެހެންކަމުން އެކަމުގެ ޒިންމާ ޕާޓީގެ ރިޔާސަތުން ނަގަން ޖެހޭކަމީ ޝައްކެއްއޮތް ކަމެއްނޫން." ޑރ.ޑީޑީ ވިދާޅުވި އެވެ.
ޑރ.ޑީޑީ ވިދާޅުވީ، ޕާޓީގެ ރައީސް ކަން ލިބިވަޑައިގެންފި ނަމަ އެއްވެސް ފަރާތެއްގެ ނުފޫޒު އޭނާގެ މައްޗަށް ނުފޯރުވޭނެ ކަމަށެވެ. އަދި ޕާޓީގެ ރައީސާއި ޗެއާޕާސަންގެ މަސްއޫލިއްޔަތުތައް އޮންނަން ޖެހޭނީ ލިޔެވި އިން ކަނޑައެޅިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ޕާޓީގެ ރައީސް ކަމާ ހަވާލުވާ ދުވަހުން ފެށީގެން އަޅުގަނޑަށް ނުފޫޒު ފޯރުވޭނެ އެއްވެސް ބޭފުލަކު ނުހުންނާނެ. އަޅުގަނޑަށް ނުފޫޒު ފޯރުވޭނެ ބަޔަކަށް ތިބޭނީ ހަމައެކަނި އާއްމު މެންބަރުން. ދެން އަޅުގަނޑު ކުރަންވީކަންތައްތައް ޕާޓީގެ އަސާސީ ގަވާއިދުގައި ލިޔެވިފައި އޮންނާނެ. ދެން އުފެދޭ ސިވާލަކީ ޕާޓީގެ ރައީސާއި ޗެއާޕާސަނބްގެ ދައުރު ލިޔުމުން ގެންނަން ހުންނަންޖެހޭނެ. ަސާސީ ގަވާއިދު ބުނާގޮތުގެ މަތިން މައްއޫލިއްޔަތާ ވާޖިބުތައް ލިޔެވި އިން އޮންނަންޖެހޭނީ ވަކި ކުރެވިފައި." ޑރ. ޑީޑީ ވިދާޅުވިއެވެ.
ޑރ.ޑީޑީ ވިދާޅުވީ ރައީސްކަން ލިބިވަޑައިގެންފި ނަމަ، ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އިހްމާލްވާ ފަރާތްތައް ޕާޓީގެ އޮފީހަށް ހާޒިރުކޮށް ޒިންމާދާރު ކުރުވާނަން ކަމަށެވެ.
"މިހާރު މިވާގޮތަކީ ހއ. ތުރާ ކުނުގައި ހުންނަ މީހާވެސް މި ގުޅަން ޖެހެނީ އެއްކަލަ އެންސްޕާގައި ހުންނަ މީހަކަށް ގިނަ ފަހަކަށް އެތާ ހުންނަ މީހަކަށް ނޭނގޭ އުސޫލްތައްވެސް. ދެން އެތަނުގައި ޗެއާމަނަކަށް ހުންނަ މީހަކީ ފޯނުން ގުޅޭ މީހެއްނޫން. އަޅުގަނޑަށް ޕާޓީގެ ރައީސްކަން ލިބިއްޖެ ނަމަ ސަރުކާރުގެ އެފަދަ ތަންތާނގައި ތިއްބަވާ ބޭފުޅުންގެ ޕާޓީ އޮފީހަށް ހާޒިރުކޮށް ޒިންމާދާރު ކުރުވާނަން." ކަމަށް ޑރ.ޑީޑީ ވިދާޅުވި އެވެ.
ޑރ.ޑީޑީ ވިދާޅުވީ، ޕާޓީގެ ރައީސް ހޮވުމުގެ އިންތިހާބުގައި 90 ޕަސެންޓް މެންބަރުން ބޭނުންވަނީ ބަދަލަކަށް ވޯޓުލާން ކަމަށެވެ. އެ ވޯޓަކީ އޭނާ އަށް ލިބޭނެ ވޯޓުކަމަށް ވެސް ޑރ.ޑީޑީ ވިދާޅުވި އެވެ. އަދި ޑީޑީއާ ވާދަލުރައްވާ، ޕާޓީގެ ވަގުތީ ރައީސްކަމުގައި ހުންނެވި އިބްރާހިމް ހުސެއިން ޒަކީ ރައީސް އޮފީސް ތެރެއިން ކެމްޕެއިން ކުރިއަށް ގެންދަވާކަމަށް ވެސް ޑީޑީ ފާހަގަ ކުރެއްވި އެވެ. އަދި ޒަކީ އިންތިހާބަށް ކުރިމަތި ލެއްވީރު، ރައީސް ނަޝީދު ރިޔާސީ ޕްރައިމަރީއަށް، ޕާޓީގެ ޗެއާޕާސަން ދޫކޮށްލައްވައި ދެއްކެވި ނަމޫނާ ޒަކީއަށް ދައްކަންވަން ކެރިވަޑައި ނުގެންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑީޑީ ވިދާޅުވީ އެފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކަށް ހުށަހަޅުއްވަން ބޭނުންނުވާ ކަމަށެވެ. އަދި އެކަންކަމަށް ގޮތެއް ނިންމާނީ ޕާޓީގެ މެންބަރުން ކަމަށް ވެސް ޑީޑީ ވިދާޅުވި އެވެ.