13 Dec 2015, 20:42
މޯލްޑިވްސް ޕެންޝަން އެންޑް އެޑްމިނިސްޓްރޭޝަން އޮފީހުން ގެއްލުނު ފައިސާ އަނބުރާ ހޯދާފައިވާ ކަމަށް އެ އޮފީހުން ބުނެފި އެެވެ.
މޯލްޑިވްސް ޕެންޝަން އެންޑް އެޑްމިނިސްޓްރޭޝަން އޮފީސްގެ ދެ މިލިއަނެއްހާ ރުފިޔާ އަށް ޚިޔާނާތްތެރިވި މައްސަލައެއް ބަލަމުން ދާކަމަށް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ. އެނގިފައިވާ ގޮތުން އެ މައްސަލާގައި ތުހުމަތު ކުރެވޭ ބޭފުޅަކީ ހޯމް މިނިސްޓަރުގެ ނައިބު އަހްމަދު އަދީމެވެ.
ޕެންޝަން އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ގެއްލުނު ހުރިހާ ފައިސާއެއް ހޯދާފައިވާ ކަމަށެވެ. އަދި އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަަމަށް ވެސް ޕެންޝަން އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ގެއްލުނު ފައިސާއަކީ ރިޓަޔަމެންޓް ޕެންޝަން ސްކީމާއި ވަޒީފާދޭ ފަރާތުންނާއި ވަޒީފާ އަދާކުރާ ފަރާތުން ޖަމާކުރާ ފައިސާއާ ގުޅުން ހުރި ފައިސާއެއް ނޫން ކަމަށް ޕެންޝަން އޮފީހުގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މައްސަލައިގައި ތުހުމަތު ކުރައްވާފައިވާ އަދީމަކީ 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ޕެންޝަން އޮފީހުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.