ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ 'ސިޔާމް މައުރޫފް ސޮކަ ކަޕް' ފުޓުބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުގައި މަގޫދޫގެ މައްޗަށް 1-2 ގެ ނަތީޖާ އަކުން މަނަދޫ ކުރި ހޯދައިފިއެވެ.

ކުޑަފަރީގައި މިއަދު ހަވީރު ކުޅުނު މެޗުގައި މަގޫދޫގެ މައްޗަށް އެންމެ ފަހުގެ ޗެމްޕިއަން މަނަދޫ ޓީމުން ޖެހި ދެ ގޯލް ވެސް ފެނިގެން ދިޔައީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އިބްރާހިމް ނައުފަލްގެ ފަރާތުންނެވެ.

އެ މުބާރާތުގެ ތިން ވަނަ މެޗުގައި މާދަމާ ހަވީރު މާޅެންދޫ ނުކުންނާނީ ހެނބެދޫ އާ ދެކޮޅަށެވެ. އެ މެޗް ވެސް ކުޅޭނީ ކުޑަފަރީ ގައެވެ.

ދެ ގުރޫޕްކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގައި ގުރޫޕް އޭގައި ހިމެނެނީ ލަންދޫ އާއި ހޮޅުދޫ އާއި ކުޑަފަރީގެ އިތުރުން ކެނދިކުޅުދީއެވެ.

ގުރޫޕް ބީގައި ހިމެނެނީ މަނަދޫއާއި މަގޫދޫ އާއި މާފަރު އާއި މާޅެންދޫގެ އިތުރުން ހެނބަދޫއެވެ.

ޖުމުލަ ނުވަ ޓީމް ވާދަކުރާ އެ މުބާރާތަކީ ނޫނު އަތޮޅުގައި މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެންމެ އަގު ބޮޑު މުބާރާތެވެ. މިފަހަރު އެ މުބާރާތަށް ދޮޅު ލައްކަ ރުފިޔާ ހުށަހަޅާފައިވެ އެވެ. އެގޮތުން އެއް ވަނަ އަށް އަންނަ ޓީމަކަށް އެއްލައްކަ ރުފިޔާ ލިބޭ އިރު ރަނަރަޕް ޓީމަށް ބައި ލައްކަ ރުފިޔާ ވަނީ ހުށަހަޅާފައެވެ.

އެ މުބާރާތަކީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފް ވައުދުވެވަޑައިގަނެފައިވާ ގޮތަށް ކޮންމެ އަހަރަކު ވެސް ނޫނު އަތޮޅުގައި ބާއްވަމުން އަންނަ މުބާރާތެކެވެ. އެ ގޮތުން އެ މުބާރާތް އިއްޔެ ފައްޓަވައި ދެއްވީ މައުރޫފް ގެ އިތުރުން އެމްޑީއޭގެ ލީޑަރު މީދޫ ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މުހައްމަދެވެ.