ފިރިމީހާ އަނިޔާކޮށްގެން ޖިންސީ އަނިޔާތަކެއް ލިބުނު ކަމަށް ބުނާ ގދ ތިނަދޫގެ އަންހެނަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

ނަން ހާމަނުކުރުމަށް އެދި 'ސަން' އަށް މައުލޫމާތުދިން މީހަކު ކިޔައިދިން ގޮތުން އަންހެން މީހާ އެންމެ ފުރަތަމަ ފަރުވާ ހޯދާފައި ވަނީ ތިނަދޫ ރީޖަނަލް ހޮސްޕިޓަލުންނެވެ. އިތުރު ފަރުވާއަށް މާލެ ދިއުމަށް އެންގުމުން އައިޖީއެމްއެޗަށް އޭނާ ގެނެސް ފަރުވާ ދޭން ވަނީ ފަށާފަ އެވެ.
ލިބުނު ގެއްލުން ބޮޑުކަމުންނާއި ހާލު ދެރަކަމުން ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ ޑޮކްޓަރުން އަދި ދީފައި ނުވާ ކަމަށް ސަންއާ ވާހަކަ ދެއްކި މީހާ ބުންޏެވެ. "އަދިވެސް އައިސީގައި ހެޔެއްވެސް ނާރާ" ކަމަށް ވެސް އެ މީހާ ބުންޏެވެ.
'ސަން' އާ ވާހަކަދެއްކި މީހާ ބުނީ ދެމަފިރިން ދޭތެރޭގައި ޖެހުނު މައްސަލައެއްގައި އަންހެން މީހާ ގެއިން ނުކުމެ އާއިލާއާއެކު ދިރިއުޅޭތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ.
އެނގިފައިވާ ގޮތުން އެހާދިސާ ހިނގުމަށްފަހުވެސް އާއިލާގެ ފަރާތުން ފުލުހުންނާ އެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ. ފުލުހުން ބުނީ ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން މިއަދު 11:20 އެހާކަންހާއިރު ފެމެލީ ޕްރޮޓެކްޝަން އޮތީރިޓީއިން ހުށަހެޅި މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.