13 Dec 2015, 20:00
ވިލާ ކޮލެޖުގެ ސްކޯލާޝިޕް ސްކީމް ތައާރަފުކޮށް، 10 ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިިފި އެވެ.
ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވިލާ ކޮލެޖުގެ ސްކޯލާޝިޕް ސްކީމް އިފްތިތާހު ކޮށްދެއްވީ އެ ކޮލެޖުގެ ރެކްޓާ ޑރ. އަހްމަދު އަންވަރެވެ.
ސްކީމް ތައާރަފުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އަންވަރު ވިދާޅުވީ، ސްކޯލާޝިޕް ބޭނުންވާ ގިނަ އަދަދެއްގެ ކުދިން އެބަ ތިބި ކަމަށެވެ.
"ސްކޯލާޝިޕް ބޭނުންވާ ކުދިން އެބަތިބި. މެރިޓް ގޮތަށް ކަމަށް ވިޔަސް، އަދި އެހެން ގޮތަކަަށް ކަމަށް ވިޔަސް ސްކޯލާޝިޕް ހައްގުވާ ސްކޯލާޝިޕް ބޭނުންވާ ވަރަށް ގިނަ އަދަދެއްގެ ކުދިން ތިބޭނެ. އެހެންވީމައި އެ ސްކީމް އަޅުގަނޑުމެން އިފްތިތާހު ކުރީ،" ވިލާ ކޮލެޖުގެ ރެކްޓާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވިލާ ކޮލެޖަކީ ކޮލިޓީ ޕްރޮގްރާމް ހިންގާ ކޮލިޓީކޮށް ކިޔަވައިދޭ ކޮލެޖެއް ކަމަށެވެ. އަދި އެ ކޮލެޖުގެ ޕްރޮގްރާމްތައް ހިންގަނީ އިނގިރޭސްވިލާތުގައި ހިންގާ ފެންވަރަށް ކަމަށެވެ.
"އޯއީސީޑީ ގައުމުތަކުގައި ކިޔަވައިދޭ ފެންވަރަށް އަޅުގަނޑުމެން މިހާރު ކިޔަވައި ދިނުން އެއް ދަރަޖަ މައްޗަށް މި އުފުލާލީ،" ރެކްޓާ ވިދާޅުވިއެވެ.
ވިލާ ކޮލެޖުގެ ސްކޮލާޝިޕް ސްކީމާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިލާ ކޮލެޖުގެ އެގްޒެކްޓިވް ޑައިރެކްޓަރު އަލީ ނަޖީބު ވިދާޅުވީ، އަލަށް ތައާރަފު ކުރި ސްކޮލާޝިޕް ސްކީމަކީ އެދަރިވަރަކު އިހްތިޔާރު ކުރާ ދާއިރާއަކުން އެއްވެސް ފީއެއް ދެއްކުމެއްނެތި ކިޔެވުމަށް ހުޅުވާލި ފުރުސަތެއް ކަމަށެވެ.
ސްކޯލާޝިޕް ސްކީމް ހަތަރު ކެޓަގަރީއަކަށް ބެހިފައިވާ ކަމަށް ނަޖީބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، "ވިލާ ކޮލެޖުގެ ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޯލާޝިޕް" ކެޓަގަރީގެ ދަށުން ދޫ ކުރާ ސްކޯލާޝިޕް ތަކަކީ އެ ކޮލެޖުގެ ކެމްޕަސް ހުންނަ ތަންތަނުގައި ދިރިއުޅޭ މީހުންނަށް ހާއްސަކޮށްގެން ދޫކުރާ ސްކޯލާޝިޕް ތަކެއް ކަމަށެވެ.
އަދި "ވިލާ ކޮލެޖު އޯޕަން ސްކޯލާޝިޕް" ކެޓަރީގެ ދަށުން ދޫކުރާ ސްކޯލާޝިޕްތަކަށް ޑިގްރީ އަދި ޕޯސްޓުގްރަޖުއޭޓު ފެންވަރުގައި ކިޔަވަން ބޭނުންވާ ފަރާތްތަކަށް ކުރިމަތި ލުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ނަޖީބު ވިދާޅުވިއެވެ.
"ވިލާ ކޮލެޖު/ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ސްކޯލާޝިޕް. ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ކިޔަވާފައި އަޅުގަނޑުމެންނަށް އެޕްލައި ކުރާ ކުދިންނަށް ހާއްސަކޮށްގެން އަޅުގަނޑުމެން ހުޅުވާލާ އަންޑާގްރަޖުއޭޓް ފެންވަރުގެ ދެ ސްކޯލާޝިޕް،" ނަޖީބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވިލާ ކޮލެޖުގައި މިހާރު ކިޔަވާ ދަރިވަރުން ކިޔަވާ ނިންމުމަށްފަހު، އިތުރަށް އެ ކޮލެޖުގެ ކޯހެއް ހަދަން ބޭނުންވާނަމަ "ވިލާ ކޮލެޖުގެ އެލަމްނައި ސްކޯލާޝިޕް" ކެޓަގަރީގެ ދަށުން ދޫކުރާ ސްކޯލާޝިޕް ތަކަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މިއަދު ހުޅުވާލި 10 ސްކޯލާޝިޕް ފުރުސަތަށް ކުރިމަތިލެވޭނީ އެންމެ މަތީ މާކުސް ހޯދާފައިވާ ދަރުވަރުންނަށް ކަމަށް އެ ކޮލެޖުން ބުނެއެވެ. އަދި އެ ސްކޯލާޝިޕް ތަކަށް ކުރިމަތި ލުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ހުޅުވިފައިވާ ކަމަށް ވެސް އެ ކޮލެޖުން ބުންޏެވެ.