13 Dec 2015, 18:00
ނިއުޒިލެންޑްގެ ތަރަނާކީ އިންޖިނިއަރިންގް ކުންފުނިން ރާއްޖޭގެ ރިސޯޓެއްގައި އަންޑާވޯޓާ ރެސްޓޯރެންޓެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
ތަރަނާކީ ކުންްފުންޏާ ހަވާލާދީ ނިއުޒިލެންޑުގެ ނޫހެއްގައި ބުނެފައި ވަނީ ރާއްޖޭގައި ހަދާ އެ ރެސްޓޯރެންޓަކީ މިހާތަނަށް ދުނިޔޭގައި ވެސް އެންމެ ފެންވަރު ރަނގަޅުކޮށް ރީތިކޮށް އަޅާނެ ދެ ވަނަ ރެސްޓޯރެންޓް ކަމަށެވެ. ނަމަވެސް އެ ރެސްޓޯރެންޓް އަޅަނީ ކޮން ރިސޯޓެއްގައި ކަމެއް އެ ނޫހުން ހާމަ ކޮށްފައެއް ނުވެ އެވެ.
މުރަކައިގެ ރީތި މަންޒަރު ވެސް ފެންނަ ގޮތަށް ހަދާ އެ ރެސްޓޯރެންޓުގައި 24 މީހުންނަށް ހިދުމަތް ދެވޭނެ އެވެ. ރެސްޓޯރެންޓުގެ އިންޖިނިއަރިންގް ޑިޒައިނުގެ މަސައްކަތް ކޮށްފައި ވަނީ ނިއުޒިލެންޑުގެ އޯކްލޭންޑް ކުންފުނިން ކަމަށާއި އެމީހުންގެ ޑިޒައިނަށް ކުދި ބަދަލުތަކެއް ގެނައި ނަމަވެސް ރެސްޓޯރެންޓުގެ ބޮޑު ބައި ހުންނާނީ އެމީހުންގެ ޑިޒައިނާ އެއްގޮތަށް ކަމަށް ތަރަނާކީ ކުންފުނިން ބުނެ އެވެ.

ކޮންރެޑް މޯލްޑިވްސްގެ އަންޑަ ވޯޓަރ ރެސްޓޯރެންޓު 'އިތާ': ތަރަނާކީ ކުންފުނިން ހަދަނީ ރާއްޖޭގެ ތިންވަނަ އަންޑަވޯޓަ ރެސްޓޯރެންޓް
ރެސްޓޯރެންޓްގެ ޕްރޮޖްކްޓް މެނޭޖަރު އަދްރިއާން ވަންޓް ހޮފް ވިދާޅުވީ ރެސްޓޯރެންޓަށް ވަންނަ ހިސާބު ހަދަނީ އުޑު ފެންނަ ގޮތަށް ކަމަށާއި "އެތަން ހުންނާނީ ހަޓެއްހެން" ކަމަށެވެ. އަދި އެހަޓުން ތިރިއަށް ފައިބައިގެން ދެވޭނީ މޫދު އަޑީގެ ރެސްޓޯރެންޓަށް ކަމަށް އަދްރިއާން ވިދާޅުވި އެވެ.
ރެސްޓޯރެންޓުގެ މޭޒުތަކާއި މަތި ފޮރުވިފައި ވާނީ 120 މިލިމީޓަރުގެ ބޯ ނިއްލޫރިން ކަމަށާއި މުޅި އިމާރާތް ވެސް ވަރަށް ވަރުގަދަ ވާނެ ކަމަށް އަދްރިއާން ވިދާޅުވި އެވެ. ރެސްޓޯރެންޓު ހެދުމަށް ބޭނުންވާނެ 415 ޓަނުގެ ސާމާނު ހިފައިގެން ސީދާ ނިއުޒިލެންޑުން ރާއްޖެއަށް ފެބުރުއަރީ މަހު ބޯޓެއް އަންނާނެ ކަމަށް އަދުރިއާން ވިދާޅުވި އެވެ.
ރެސްޓޯރެންޓުގެ ބިންގާ އެޅުމަށް ބޭނުން ކުރަނީ 114 އެމްއެމްގެ ދަނގަޑު ހޮޅި ކަމަށާއި އެ އެއްޗެހި ހަރުކުރާނީ ޑައިވަރުން މޫދުއަދީއަށް ގޮސްގެން ކަމަށް ޕްރޮޖެކްޓް މެނޭޖަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ހަރުކޮށް އިތުުރަށް ވަރުގަދަކުރުމަށް ކޮންކްރީޓް އަޅާނެ ކަމަށެވެ.

އަނަންތަރާ ކިހަވައް ރިސޯޓުގައި ހުއްނަ މޫދު އަޑީގެ ރެސްޓޯރެންޓު
ރެސްޓޯރެންޓުގެ ހުރިހާ ކަމެއް ނިންމައި ހުޅުވަން ހަމަޖެހިފައި ވަނީ 2016 މޭ މަހު ކަމަށް ތަރަނާކީ ކުންފުނިން ވަނީ ބުނެފަ އެވެ.
ރާއްޖޭގައި މިހާރުވެސް އަންޑަވޯޓަ ދެ ރެސްޓޯރެންޓެއް ހުރެ އެވެ. އެއީ ކޮންރެޑް މޯލްޑިވްސް އަދި އަނަންތަރާ ކިހަވަށް ރިސޯޓުގަ އެވެ. އެ ދެތަނަކީވެސް ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ މިހާތަނަށް ފަތުވެރި ކަމުގެ އެވޯޑުތަކެއް ވެސް ހާސިލްކޮށްފައިވާ ދެ ރެސްޓޯރެންޓެވެ.
ކޮންރެޑް މޯލްޑިވްސްގެ އަންޑަވޯޓަ ރެސްޓޯރެންޓު 'އިތާ' ހަދާފައި ވަނީ ސިންގަޕޫރުގެ ކުންފުންޏަކުންނެވެ.