ޓޫރިސްޓު ރިސޯޓު ތަރައްގީކުރުމަށް ވިލާ ގްރޫޕަށް ދޫކޮށްފައިވާ ކ. ބޮލިދުއްފަރާއި ވާވެއްދި ފަޅު ކުއްޔަށްދިނުމަށް ވެފައިވާ އެގްރީމެންޓު ބާތިލް ކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ވިލާއާ އެކު ވެފައިވާ "އެމެންޑެޓް އެންޑް ރީސްޓޭޓެޑް ލީސް އެގްރީމެންޓު އުވާލާފައި ވަނީ އެ އެގްރީމެންޓާ ޚިލާފު ބާތިލް އެންގުމެއް ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން އެތަނުގެ އެގްރީމެންޓު ބާތިލްކޮށް ވިލާއަށް ލިޔުމުން އަންގާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު އެވެ.

ވިލާއަށް ކުއްޔަށްދޫކޮށްފައިވާ އިތުރު ފަޅުތަކެއްގެ އެގްރީމެންޓު ވެސް ޓޫރިޒަމް މިނިސްޓްރީން ބާތިލް ކުރި އެވެ. އެ މައްސަލަތައް ވެސް އެކުންފުނީގެ ފަރާތުން ވަނީ ކޯޓަށް ހުށަހަޅައިފައެވެ.