މާލޭގެ ދެކުނު ފަރާތު ޓްރެކް ސަރަހައްދަށް މި ދުވަސްވަރު މޫދަށްއެރި އުޅޭ ފަރާތްތަކުން ސަމާލުވުމަށް ސުވިމިން އެސޯސިއޭޝަނުން އިލްތިމާސް ކޮށްފި އެވެ.

ސުވިމިން އެސޯސިއޭޝަންގެ ރައީސް އިސްމާއީލް އަލީ މިއަދު ސަން އަށް ވިދާޅުވީ މިދުވަސްވަރު މޫދަށް އެރޭ ސަރަހައްދުގެ ލޮނުގަނޑު ކިލަނބުވެ ތަޣައްޔަރުވެދާނެ ކަމަށާއި އެހެންކަމުން އެކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އޭނާ ވިދާޅުވީ ދިރާގު ފައިބާ އޮޕްޓިކަލް ކޭބަލް މާލޭ އިރުދެކުނު ފަރާތު ޓްރެކް ސަރަހައްދަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިޔަށްދާއިރު، އެސަރަހައްދުގެ އެއްގަމު ކޮނެ ފެންހިންދަން ނަގާފެން އެދިމާ ބޭރުތޮށިން ބޭރުވާގޮތަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ މަސައްކަތާއެކު ހޮޅި ވަޅުލުމަށްޓަކައި މޫދު ކޮނުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށްދާ ކަމަށާއި އެސަރަހައްދު ކޮނެ މޫދަށް ފެން ބޭރުކުރަމުންދާ ވަގުތު މޫދަށް އެރޭ ސަރަހައްދުގެ ލޮނުގަނޑު ކިލަނބުވެ ތަޣައްޔަރުވެގެން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެފަދަ ވަގުތުތަކުގައި އެސަރަހައްދަށް މޫދަށް އެރި އުޅުމަކީ ރައްކާތެރި ކަމަކަމަށް ނުވާނެތީ އެކަމަށް ސަމާލުކަން ދިނުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސް ކުރަން،" އިސްމާއީލް ވިދާޅުވި އެވެ.

ސުވިމިން އެސޯސިއޭޝަނުން ބުނީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ޓްރެކް ސަރަހައްދު ބޭނުން ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.