އާހާބަރުން ބިން ވިއްކުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ނިންމެވީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، މަދަނީ ކޯޓުން އިއްވެވި ހުކުމް ވަރަށް އަވަހަށް ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށް ބަންޑާރަ ނައިބު އަލްއުސްތާޒް އަބްދުﷲ މުއިއްޒު ވިދާޅުވެއްޖެ އެވެ.

"އެ މައްސަލަ އިސްތިއުނާފް ކުރުމަށްޓަކައި މިހާރު ދިރާސާތައް ކުރަމުން މިދަނީ. އަޅުގަނޑުމެން މިބަލަނީ މާ ލަސްތަކެއް ނުވެ އެ މައްސަލަ ހައިކޯޓަށް ހުށަހެޅޭނެ ކަމަށް." އާ ބަންޑާރަ ނައިބު ވިދާޅުވި އެވެ.

އާހާބަރު ސަރަހައްދުން ބިން ވިއްކުމަށް ރައީސް ނަޝީދު ނިންމަވައިފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 9 ވަނަ ދުވަހު އެވެ.

ޑީއާރުޕީއާއި ޕީއޭއާއި ގައުމީ ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ފަރާތުން ސިވިލް ކޯޓްގައި ކުރި އެ ދައުވާއާ ގުޅިގެން ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ، މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުން ބިން ވިއްކުމަށް ވަޒީރުގެ މަޖިލީހުން ނިންމާފައި ވަނީ ރާއްޖޭގެ ބިމާ ބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ގޮތަށް، ތަންފީޒު ނުކުރުމަށް ދައުލަތުގެ މައްޗަށް އަމުރުކުރާ ކަމަށް ވެސް އެ ހުކުމްގައި ބުނެފައިވެ އެވެ.

"މި މުއާމަލާތަކީ މިގޮތުން ކުރިއަށް ގެންދެވޭނެ މުއާމަލާތެއްނޫން ކަމަށް ކަނޑައަޅައި، ވަޒީރުންގެ މަޖިލީހުން ލަފާއެރުވުމާ ގުޅިގެން މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުން ބިން ވިއްކުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުނަށް ދިވެހި ދައުލަތުގެ މައްޗަށް އަމުރުކޮށް ހުކުމްކޮށްފީމެވެ." ގާޒީ މަރިޔަމް ނިހާޔަތު ކުރެއްވި ހުކުމްގައި ވެއެވެ.

މަދަނީ ކޯޓުގެ އެ ނިންމުމާ ގުޅިގެން، އާހާބަރުން ބިން ވިއްކުމުގެ މަސައްކަތް އެއްކޮށް ހުއްޓާލިއިރު، ވިއްކުމަށް އިއުލާންކުރި 11 ބިމުގެ ތެރެއިން ވިކިފައިފައި ވަނީ ހަތަރު ބިމެކެވެ. އޭގެ ތެރެއިން 2000 އަކަފޫޓުގެ ދެބިމެއް ގަނެފައި ވަނީ، ކަރަންޓް ހޮޅިބުރި އާއި އަދި އެނޫން ވެސް ދިއްލުމަށް ބޭނުން ކުރާ ސާމާނު ވިއްކާ ސަން ފްރަންޓުން، 27 މިލިއަން ރުފިޔާ އަށެވެ.

އަކަފޫޓެއް 4350 ރުފިޔާގެ ރޭޓުން، 5000 އަކަފޫޓުގެ ބިމެއް 21.75 މިލިއަން ރުފިޔާ އަށް، ބީއެޗުއެމް ޓްރޭޑާސްގެ ވެރިޔާ، ހ.ކެލީކްސް ހުސައިން މޫސާ ގަނެފައިވެ އެވެ. އަދި މަޝްހޫރު ޓޫރިޒަމް ވިޔަފާރި ކުންފުނި ޔުނިވަސަލް އިން 7500 އަކަފޫޓްގެ ބިމެއް، އަކަފޫޓަކަށް 6200 ރުފިޔާގެ ރޭޓުން 46.5 މިލިއަން ރުފިޔާއަށް ގަނެފައި ވެއެވެ.