13 Dec 2015, 15:05
ރިޔާޒް (ޑިސެމްބަރ 13):ފުރަތަމަ ފަހަރަށް ކެންޑިޑޭޓުންގެ ގޮތުގައި އަންހެނުން ބައިވެރިވެ، އަދި އަންހެނުންނަށް ވޯޓު ލެވޭ ގޮތަށް ސައުދީ އަރަބިއާގައި އިއްޔެ ބޭއްވި އިންތިހާބުގައި މުނިސިޕަލް ކައުންސިލްގެ ހަތަރު ގޮނޑި ހަތަރު ކަނބަލަކު ކާމިޔާބުކޮށްފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.
އަންހެން ކެންޑިޑޭޓުން އިންތިހާބުވެފައި ވަނީ ތިން ސަރަހައްދަކުންނެވެ. އެއީ މައްކާ އާއި ތަބޫކްގެ ސަރަހައްދުތަކުން ދެ އަންހެނުންނާއި އިހްސާ ޕްރޮވިންސުން ދެ މީހުންނެވެ.
އޭގެ ތެރެއިން، ސައުދި އަރަބިއާގެ އިލެކްޝަންސް ކޮމިޝަނުން ވަނީ މައްކާގެ އަވަށެއްގެ ކައުންސިލް ގޮނޑިއަށް ސަލްމާ ބިންތު ހިޒާބް އަލް-އުތައިބީ ކިޔާ ކެންޑިޑޭޓަކު ހޮވިފައިވާ ކަން ޔަގީންކޮށްދީފަ އެވެ. ސަލްމާ ބިންތު ހިޒާބް އެ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ދެ އަންހެނުންނާއި ހަތް ފިރިހެނުންނާ ވާދަކުރެއްވުމަށް ފަހު އެވެ.
އިންތިހާބުގެ ރަސްމީ ނަތީޖާތައް މާދަން އިއުލާން ކުރާނެ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.
ތާރީހީ އިންތިހާބުގައި ވޯޓު ލުމަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން ވޯޓު ލާފައި ވަނީ 25 ޕަސެންޓް މީހުންނެވެ.
އިއްޔެ ބޭއްވި އިންތިހާބަކީ ސައުދީ އަރަބިއާގައި ބޭއްވި ތިންވަނަ އިންތިހާބެވެ. އެންމެ ފުރަތަމަ އިންތިހާބު ބޭއްވީ 2005ގަ އެވެ. ދެވަނަ އިންތިހާބު ބޭއްވީ 2011ގަ އެވެ. އެދެ އިންތިހާބުގައި ވެސް އަންހެނުންނަށް ބައިވެރިވުމުގެ ފުރުސަތު ދީފައެއް ނުވެ އެވެ.
އިއްޔެގެ އިންތިހާބުގައި 900 އަށް ވުރެ ގިނަ އަންހެނުންނާއި 6000 ފިރިހެނުން 248 ކައުންސިލް ގޮނޑިއަށް ވާދަކޮށްފައިވެ އެވެ.
މައުލޫމާތު: އަލްޖަޒީރާ