ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޑޮކްޓަރަށް ދެއްކުމަށް މިއަދު މާލެ ގެނެސްފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު މޫސާ ރަމީޒު މިއަދު "ސަން" އަށް ވިދާޅުވީ ކަށީގެ ޑޮކްޓަރަކަށް ދެއްކެވެމުގެ ގޮތުން މިއަދު މެންދުރު ރައީސް ނަޝީދު މާލެ ގެނެސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އަދިވެސް އެމަނިކުފާނު ހުންނެވީ ޑޮކްޓަރަށް ދެއްކެވުމުގެ ގޮތުން މާލޭގައި ކަމަށެވެ.

ރައީސް ނަޝީދު ކަށީގެ ޑޮކްޓަރަކަށް ދެއްކެވެމުގެ ގޮތުން މިއަދު މާލެ ގެނެސްފައިވާ އިރު މިދިޔަ ހަފްތާގައި ވެސް ވަނީ ނަޝީދަށް އޭޑީކޭގައި ފަރުވާ ދީފަ އެވެ.

ރައީސް ނަޝީދަށް އެކަށީގެންވާ ބޭސްފަރުވާގެ ހިދުމަތް ދެމުން ނުދާ ކަމަށްބުނެ އާއިލާއިންނާއި ނަޝީދުގެ ވަކީލުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޑޮކްޓަރަށް ދެއްކުމުގެ ގޮތުން ނަޝީދު މާލެ ގެނެސްފައިވާ އިރު 13 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ނަޝީދު ވަނީ ނިންމަވައިފަ އެވެ.