13 Dec 2015, 14:11
ކަލަކު ވޮޑިގެންވާކަން ގަބޫލުނުކުރާ މީހުން ރާއްޖޭގައި އުޅޭ ވާހަކައާއި އިސްލާމްދީނާ ދެކޮޅު ކަންކަން ރާއްޖޭގައި ހިނގާ ކަމުގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމުގެ މޭޒުކޮޅަށް އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމަށް ހއ. އުތީމުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމީހަކު ބޭނުން ދީނަކަށް ރާއްޖޭގައި އުޅެވެން ޖެހޭނެ ކަމަށް ވަކާލާތު ކުރާ މީހުން ވެސް ރާއްޖޭގައި އެބަތިބި ކަމަށެވެ.
"...ކޮންމެ ދީނެއްގެ އަހުލވެރިންނަށް އެދީނެއްގައި އުޅެވޭނެ ކަމަށް އަޑު އުފުލަމުންދާ މީހުން އެބަތިބިނޫންތޯ؟ ދިވެހިންގެ ތެރޭގައި، ކަލަކު ނުވާކަމަށް ގަބޫލުކުރާ މީހުން ނެތްތޯ؟ ހަމަ ގައިމު ވެސް އަޅުގަނޑުގެ މޭޒަށް އަންނަ ކަރުދާސްތަކުގައި މިހުރިހާ ކަމެއް އެބަހުރި،" ރައީސް ވިދާޅުވި އެވެ.
ދެން ވިދާޅުވީ ދިވެހިންގެ ސިކުނޑިތަކަށް މިއަންނަނީ ކޮންބަދަލެއްތޯ ވިސްނަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ދައުލަތެއްގެ ހާލަތު ނާޒުކު ނުރައްކާތެރި ހާލަތަކަށް ބަދަލުވާން ޖާގަދެނީ ކީއްވެގެންތޯ އަހަން ޖެހޭ ކަމަށެވެ.
ގައުމީ ދުވަސް ފާހަގަކުރުމަށް އުތީމުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ހޯމް މިނިސްޓަރު އުމަރު ނަސީރާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ގައުމީ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަ ކުރަނީ 15 އަހަރުގެ އަޅުވެތިކަމަށް ފަހު ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ދުވަސް ކަމަށްވާ ރަބީއުލްއައްވަލު މަހުގެ ފުރަތަމަ ދުވަހެވެ.