މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ވިޔަފާރި ބަނދަރުން ދޫކުރަމުން އައި މުދާތައް މާލޭ ބަނދަރުން ދޫކުރަން ފަށައިފި އެވެ.

އެމްޕީއެލް އިން މީގެ ކުރިން އަމަލު ކުރަމުން އައި ގޮތަކީ މުދާ އުފުލާ ބޯޓު މާލޭ ބަނދަރަށް ކައިރި ކުރުމުން އެ މުދާތައް ހުޅުމާލެއަށް ގެންގޮސް އެތަނުން ދޫކުރުމެވެ. ނަމަވެސް އެ އުސޫލަށް މިހާރު ވަނީ ބަދަލެއް ގެނެސްފަ އެވެ.

އެމްޕީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް "ސަން" އަށް ވިދާޅުވީ، ބައެއް އިކުއިޕްމަންޓްގައި ދަތިކަން އުޅޭތީ މުދާ ހުޅުމާލެއަށް އުފުލުން މަޑުޖައްސާލާފައިވާ ކަމަށާއި ކަސްޓަމަރުން ވެސް އެކަމަށް އެދޭ ކަމަށެވެ.

"އަޅުގަނޑުގެން މީގެކުރިން މި ހަދާ ގޮތަކީ ބަނޑެއްގަ މުދާ އުފުލަނީ ހުޅުމާލެ ޕޯޓަށް. އުފުލާފަ އެތަނުން ދޫކުރަނީ. ނަމަވެސް މިހާރު އެކަން ކުރެވެން ނެތީ އަޅުގަނޑުމެންގެ އިކުއިޕްމަންޓްގެ ދަތިތަކެއް ހުރީމާ. އަނެއްކާ މުދާ ލިބުން ވެސް އަވަސްވާނެ މާލެއަށް ބަދަލުކުރީމަ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ މުދާ ހުޅުމާލެއަށް ގެންގޮސް މަސައްކަތްތައް ކުރުމުގައި ލަސްތަކެއް މެދުވެރިވާތީ މުދާ ނަގާ ފަރާތްތަކަށް ވެސް ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އެހެންކަމުން ހުޅުމާލެއަށް ގެންދިއުމުގެ ބަދަލުގައި މާލެއިން މުދާ ދޫކުރާގޮތަށް އުސޫލު ބަދަލުކުރުމުން ކަސްޓަމަރުންނަށް އަވަހަށް މުދާ ލިބޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލެ ޕޯޓްސް އިން މުދާ ކްލިއާ ކުރުމުގެ މަސައްކަތް މާލެ ބަދަލުކޮށްފައިވީ ނަމަވެސް ބައެއް އެހެނިހެން މަސައްކަތްތައް އަދިވެސް ހުޅުމާލެ ޕޯޓްސްގައި ކުރިޔަށް ދާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.