13 Dec 2015, 12:05
އިންސާނީ ހައްގުތަކުގެ ދާއިރާއިން ރާއްޖެއަށް ކުރިމަތިވަމުން އަންނަ ފާޑުކިއުންތަކަކީ ހަނގުރާމައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމު ސިފަކުރައްވައިފި އެވެ.
މިއަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމަށް ހއ. އުތީމުގައި މިއަދު ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއަށް މިހާރު ހަނގުރާމަ ކުރިމަތިވަނީ ބައިނަލްއަގުވާމީ އަދި ސަރަހައްދީ ޖަމިއްޔާތަކުގެ ފިކުރުގެ ތެރެއިން ކަމަށެވެ.
"...ސިޔާސީ މިނިވަންކަމާ ތޮޅުމަށް މިއަދަކު ނާންނާނެ ކަނޑިބަޑި ހިފައިގެން. ނާދިރުކަމެއް. އެހެން ނަމަވެސް މިއަދު މިކަންކަން ކުރަނީ އިގުތިސާދީ އެކި އެކި އެޖެންޑާގެ ތެރެއިން. އަޅުގަނޑުމެން ވެސް ބައިވެރިވާ ސަރަހައްދީ އަދި ބައިނަލްއަގުވާމީ މުއައްސަސާތަކާއި ޖަމިއްޔާތަކުގެ ފިކުރުގެ ތެރެއިން އަންނަ ހަނގުރާމަ. އަދި ހަމަ އެހެންމެ، އަޅުގަނޑުމެން ބައިވެރިވެފައި ހުރި މުއާހަދާތަކާއި ބައިވެރިވެފައި ހުރި މުއައްސަސާތަކުގެ ފިކުރުގެ ތެރެއިން އެކި ނަންނަމުގައި އަޅުގަނޑުމެންނާ ދިމާލަށް އަންނަ ލޮންސިތައް މިއަދު އަމާޒުވެގެން މިއަންނަނީ. އިންސާނީ ހައްގުތަކުގެ ނަމުގައި ދިވެހި ރާއްޖެ އެންމެ ބޮޑަށް މިހާރު ކްރިޓިސައިޒްވެގެން މިދަނީ،" ރައީސް ޔާމީނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި އިންސާނީ ހައްގުތައް ނެތް ކަމަށް ގަބޫލުކޮށްގެން ވަކާލާތު ކުރާ ކުރުމަކީ ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށެވެ. ރާއްޖޭގައި ނެތީ އިންސާނީ ކޮން ހައްގެއްތޯ ރައީސް ސުވާލު އުފެއްދެވި އެވެ.
އަދި އެއަށް ފަހު ރައީސް ވިދާޅުވީ އިންސާނިއްޔަތަށް އެންމެ ވަރުގަދައަށް ލިބެންވާ ހައްގު ކަމަށްވާ ދިރިހުރުމުގެ ހައްގުގެ ކަށަވަރުކަން ރާއްޖޭގައި ނެތް ކަމަށެވެ.
" ދިވެހިރާއްޖޭގައި އިންސާނީ ހައްގެއް ނެތް ކަމަށް ވަންޏާ އަޅުގަނޑު މިއަދު ދަންނަވާލަން އޮތީ ދިވެހި ރާއްޖޭގައި އިންސާނީ ހައްގު ނެތިގެން މިދަނީ ގާނޫނު އަސާސީން އަދި އިންސާނިއްޔަތަށް އެންމެ ވަރުގަދައަށް ލިބެންވާ ހައްގުގެ ތަނަވަސްކަން ނޫނީ ކަށަވަރުކަން މިއަދު ނެތީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދައުލަތުން ކަށަވަރުކޮށްދެވޭތޯ މަސައްކަތް ކުރަމުން އަންނަނީ ފަހަކަށް އައިސް ހިނގައި ދިޔަ ފަދަ ބޮޑެތި މާރާމާރީތަކާއި މީހުންގެ ފުރާނައަށް ގެއްލުންވާ ފަދަ ކުށްތައް ދެން އަލުން ތަކުރާރު ވިޔަ ނުދިނުމަށް ކަމަށެވެ.
ގައުމީ ދުވަސް ފާހަގަކުރުމަށް އުތީމުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ހޯމް މިނިސްޓަރު އުމަރު ނަސީރާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.