އދ.ގެ ސުލްހަ ބަލަހައްޓާ ފައުޖުތަކުގައި ދިވެހި ސިފައިން ބައިވެރިނުކުރުމަށް ޖަމްއިއްޔަތު ސަލަފުން މިއަދު ސަރުކާރަށް ގޮވާލައިފި އެވެ.

އ.ދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުތަކުގައި ދިވެހި ސިފައިން ބައިވެރިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުމަށް ދެކޮޅު ހެދުމުގެ ގޮތުން ޖަމްއިއްޔަތުއް ސަލަފުން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ، ހުނޅަގުގެ ގައުމުތަކުން އެކި ކަންކޮޅުތަކުގައި ކުރާ ހަނގުރާމަތަކަކީ އެއްވެސް ސަބަބެއްނެތި މުސްލިމުންނާ ދެކޮޅަށް ކުރާ ހަނގުރާމަތަކެއް ކަމަށެވެ. އަދި އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުތަކުން އެ ހަނގުރާމަތަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށާއި އެ ކަމަށް ދިވެހިން ސިފައިން ނެރުމަކީ އެއްގޮތަކަށްވެސް ކޮއްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

"... އދ.ގެ ފައުޖުތަކުން ބައިވެރިވާ ހަނގުރާމަވެރި ލަޝްކަރުތަކުން ޔަގީނުން ވެސް މުސްލިމުންނާ އިދިކޮޅަށް ހަރަކާތްތެރިވާންޖެހޭނެ ކަމީ ދުނިޔެ ދައްކާ ތަޖުރިބާއަކަށްވާ ހިނދު، އދ.ގެ ފައުޖުގައި ހިމެނިފައިވީތީ ދިވެހި މުސްލިމް ފައުޖު ވެސް އެ ހައިސިއްޔަތުން މުސްލިމުންނާ ދެކޮޅަށް ކުރެވޭ ކަންކަމުގައި އަސްކަރީ ގޮތުން ބައިވެރިވެގެން ދިއުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި ކިއެއްތަ މިކަން ދިވެހި އިސްލާމީ ގާނޫނުގެ ދަށުން ވެސް ހުއްދަކުރެވިގެން ނުވާނެ އެވެ،" ސަލަފުގެ ރައީސް އަބްދުﷲ އިބްރާހިމް ސޮއިކުރައްވާ އެ ޖަމްއިއްޔާގެ ރަސްމީ ވެބްސައިޓުގައި މިއަދު ޝާއިއުކުރި ބަޔާނުގައިވެ އެވެ.

ތިން ސޮފްހާގެ އެ ބަޔާނުގައި ބުނަނީ ރާއްޖޭގެ މަގުތަކުގެ އަމަން އަމާން ކަމާއި ސުލްހަ މަސަލަސްކަން ގެއްލިފައިވާ ދަޑިވަޅެއްގައި އެހެން ބަޔެއްގެ ސުލްހަ ބަލަހައްޓަން ދިވެހިން ސިފައިން ނެރުމަކީ ސަރުކާރުން ޒިންމާދާރުކަން ކުޑަކޮށް ކޮށްފައިވާ ކަމެއް ކަމަށެވެ.

ދީނީ އެންމެ ބޮޑު ޖަމާއަތުން އެކަމާ ދެކޮޅަށް ފާޅުގައި ވާހަކަ ދެއްކިއިރު ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނު ސުއޫދު ވިދާޅުވެފައިވަނީ އެހެން ގައުމުތަކުގެ ސުލްހަ ބެލެހެއްޓުމަށް ދިވެހި ސިފައިން ފެށުމުގެ ކުރިން މާލޭގެ މަގުތަކުގައި ސުލްހަ ބަލެހެއްޓުމަކީ މާ މުހިންމު ކަމެއް ކަމަށެވެ.

އދ. ގެ ޕީސް ސަޕޯޓް އޮޕަރޭޝަންތަކުގައި ދިވެހި ސިފައިން ބައިވެރި ކުރުމަށް މިމަހުގެ ފަސް ވަނަ ދުވަހު ކެބިނެޓުން ނިންމީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވި ކަރުދާހެއްގެ މައްޗަށް ބެލުމަށް ފަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.