13 Dec 2015, 12:07
ނިއުދިއްލީ (ޑިސެމްބަރ 13): އިއްޔެ އިންޑިއާގެ ނިއުދިއްލީގައި ތިން މީހުން ވެގެން ހަތް އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކޮށްފި އެވެ.
އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އެކަކު މިއަދު ދިއްލީގެ ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ.
ރިޕޯޓުތަކުގައިވާ ގޮތުން އެހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 16 އަހަރުގެ ކުއްޖެކެވެ. އަދި އެއީ ރޭޕް ކޮށްފައިވާ ކުއްޖާގެ އާއިލާއާ ގާތް ފަރާތެއް ކަމަށް ބެލެވެ އެވެ. އެހަމަލާއާ ގުޅިގެން ތުހުމަތު ކުރެވޭ އިތުރު ދެ މީހުން އަދި ވަނީ ހޯދާ ނުފެނިފައި އެވެ.
ހޮނިހިރު ދުވަހުގެ ހަވީރު ގަޑީގައި ހަތް އަހަރުގެ އެކުޑަކުއްޖާ ވަގަށް ނަގައި، ޕާކަކަށް ގެންގޮސް ރޭޕް ކޮށްފައިވަނީ އެކުއްޖާގެ ގެ ކައިރީގައި އޮންނަ އެހެން ޕާކެއްގައި ކުޅެން އުޅެނިކޮށެވެ. ރޭޕްކުރުމަށް ފަހު އެ ކުއްޖާ ހޭނެތިފައި އޮއްވައި ފެނުނީ އެއާއިލާގެ އަވަށްޓެރިންނަށެވެ.
އޭގެ ފަހުން، އެކުއްޖާ ވަނީ އިންޑިއާގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސްގެ ޓްރޯމާ ސެންޓާގައި އެޑްމިޓް ކޮށްފަ އެވެ. މިއަދުގެ ވަގުތެއްގައި އެކުއްޖާ ދޫކޮށްލާނެ ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.
އެ ހާދިސާ ހިނގާފައި ވަނީ، މިދިޔަ ހުކުރު ދުވަހު ހަ މީހުން ވެގެން 14 އަހަރުގެ އަންހެން ކުއްޖަކު ވަގަށް ނެގުމަށް ފަހު ރޭޕް ކޮށްފައި ވަނިކޮށެވެ.