10 Apr 2011, 16:36
ޑޮލަރު މިހާތަނަށް ވިއްކަމުން އައި ރަސްމީ ރޭޓް، 12.85ރ. އަށް 20 ޕަސެންޓް އިތުރުކޮށް، ޑޮލަރެއްގެ އަގު 15.42ރ. އަށް ސަރުކާރުން ބޮޑުކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ "އެމެރިކާ ޑޮލަރަށް ނިސްބަތްކުރާ އިރު، ދިވެހި ރުފިޔާގެ އަގު 12.85 ރުފިޔާ އަށް ވުރެ ވިހި އިންސައްތަ ދަށްނޫން އަގެއްގައި ބެހެއްޓުމަށާއި އަދި ވިހި އިންސައްތަ މަތީނޫން އަގެއްގައި ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ކަނޑައަޅުއްވައިފި" ކަމަށެވެ.
ޑޮލަރުގެ އަގު ބޮޑު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޯޑުގެ މަޝްވަރާގެ މަތިން، ބޭރުގެ ފައިސާގެ ނިސްބަތުން ދިވެހި ރުފިޔާގެ އަގެއް ރައީސުލްޖުމްހޫރިއްޔާ އަށް ކަނޑައެޅުއްވިދާނެ ކަމަށް ބަޔާންކޮށްފައި ވާތީ، އެ ބޯޑުގެ މެންބަރުންނާ އެކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބޭއްވެވި ބައްދަލުވުވުމަކަށް ފަހު، އެ ބޯޑުގެ އެއްބަސްވުމުގެ މަތީން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"އެހެންކަމުން، މާދަމާ، ދެ ހާސް އެގާރަ ވަނަ އަހަރުގެ އޭޕްރިލް މަހުގެ އެގާރަވަނަ ދުވަހުން ފެށިގެން އެމެރިކާ ޑޮލަރަށް ނިސްބަތްކުރާ އިރު، ދިވެހި ރުފިޔާގެ އަގަކީ 12.85ރުފިޔާ އަށް ވުރެ ވިހި އިންސައްތަ ދަށްނޫން އަގެއް ކަމަށާއި އަދި ވިހި އިންސައްތަ މަތިނޫން އަގެއް ކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނުގެ 13 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިޢުލާން ކޮށްދެއްވުމަށް އެދިވަޑައިގެން އެ އޮތޯރިޓީގެ ގަވަނަރަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ސިޓީފުޅެއް ފޮނުއްވައިފި" ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސަރުކާރުން ޑޮލަރުގެ އަގު މި ބޮޑު ކުރީ ކޮންމެ ޑޮލަރެއްގެ ފަހަތުން ފުލުހަކު ބަހައްޓައިގެން ވެސް ޑޮލަރުގެ ތާށިކަން ހައްލުކުރާނެ ކަމަށް ރައީސް ވިދާޅުވިތާ ދެ ހަފުތާ ވެސް ނުވަނީހެވެ. ނަމަވެސް ރައީސް އެހެން ވިދާޅުވުމާ އެކު ބާޒާރުގައި ޑޮލަރަކުން 20 ލާރި ވަރު އަގު ބޮޑުވި ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
ރައީސް ނަޝީދު ރިއާސީ އިންތިހާބަށް 2008 ވަނަ އަހަރު ކެމްޕެއިން ކުރެއްވި އިރު ވިދާޅުވީ އެމަނިކުފާންގެ ވެރިކަމެއްގައި ޑޮލަރުގެ އަގު 10 ރުފިޔާ އަށް ތިރިކުރައްވާނެ ކަމަށެވެ.